UAE Prayer Times

  • Dubai
  • Abu Dhabi
  • Sharjah
  • Ajman
  • Fujairah
  • Umm Al Quwain
  • Ras Al Khaimah
  • Quran Translations

Surah Ibrahim - Divehi Translation by Office Of The President Of Maldives


الٓرۚ كِتَٰبٌ أَنزَلۡنَٰهُ إِلَيۡكَ لِتُخۡرِجَ ٱلنَّاسَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ بِإِذۡنِ رَبِّهِمۡ إِلَىٰ صِرَٰطِ ٱلۡعَزِيزِ ٱلۡحَمِيدِ

ل ر (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) (މިއީ) ފޮތެކެވެ. އެ ފޮތް ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވީ، އެއުރެންގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ކަލޭގެފާނު، މީސްތަކުން ނެރުއްވުމަށެވެ. ގަދަފަދަވަންތަ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެ (ދެއްކެވި) މަގަށެވެ
Surah Ibrahim, Verse 1


ٱللَّهِ ٱلَّذِي لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَوَيۡلٞ لِّلۡكَٰفِرِينَ مِنۡ عَذَابٖ شَدِيدٍ

اللَّه ގެ މަގެވެ. އެކަލާނގެއީ، އުޑުތަކުގައި ވާހާ އެއްޗަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވާ ރަސްކަލާނގެއެވެ. އަދި كافر ންނަށް ގަދަފަދަވެގެންވާ عذاب އަކުން ހަލާކު ހުށްޓެވެ
Surah Ibrahim, Verse 2


ٱلَّذِينَ يَسۡتَحِبُّونَ ٱلۡحَيَوٰةَ ٱلدُّنۡيَا عَلَى ٱلۡأٓخِرَةِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبۡغُونَهَا عِوَجًاۚ أُوْلَـٰٓئِكَ فِي ضَلَٰلِۭ بَعِيدٖ

އެއުރެންނީ، آخرة އަށްވުރެ ބޮޑަށް ދުނިޔޭގެ ދިރިއުޅުމަށް ލޯބިކުރާ މީހުންނެވެ. އަދި اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އެ މަގު ގުދުވުމަށް އެދޭ މީހުންނެވެ. އެއުރެންވަނީ، ދުރުވެގެންވާ މަގުފުރެދުމެއްގައެވެ
Surah Ibrahim, Verse 3


وَمَآ أَرۡسَلۡنَا مِن رَّسُولٍ إِلَّا بِلِسَانِ قَوۡمِهِۦ لِيُبَيِّنَ لَهُمۡۖ فَيُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ

ތިމަންރަސްކަލާނގެ އެއްވެސް رسول އަކު އެބޭކަލެއްގެ قوم ގެބަހުން މެނުވީ ނުފޮނުއްވަމެވެ. (އެއީ) އެއުރެންނަށް ސާފުކޮށް ބަޔާންކޮށްދެއްވުމަށްޓަކައެވެ. ފަހެ، اللَّه އިރާދަކުރައްވާ އަޅަކު، މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ތެދުމަގު ދައްކަވަތެވެ. އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ
Surah Ibrahim, Verse 4


وَلَقَدۡ أَرۡسَلۡنَا مُوسَىٰ بِـَٔايَٰتِنَآ أَنۡ أَخۡرِجۡ قَوۡمَكَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ وَذَكِّرۡهُم بِأَيَّىٰمِ ٱللَّهِۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّكُلِّ صَبَّارٖ شَكُورٖ

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތަކާއިގެން، موسى ގެފާނު ފޮނުއްވީމެވެ. (އަދި އެންގެވީމެވެ.) ކަލޭގެފާނުގެ قوم ގެމީހުން އަނދިރިކަމުގެ ތެރެއިން، އަލިކަމުގެ ތެރެއަށް ނެރުއްވާށެވެ! އަދި އެއުރެންނަށް اللَّه ގެ ދުވަސްތައް ހަނދުމަކޮށްދެއްވާށެވެ! ހަމަކަށަވަރުން، ކެތްތެރިކަން ބޮޑު، شكر ވެރިވުން ގިނަ ކޮންމެ މީހަކަށް، އެކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ
Surah Ibrahim, Verse 5


وَإِذۡ قَالَ مُوسَىٰ لِقَوۡمِهِ ٱذۡكُرُواْ نِعۡمَةَ ٱللَّهِ عَلَيۡكُمۡ إِذۡ أَنجَىٰكُم مِّنۡ ءَالِ فِرۡعَوۡنَ يَسُومُونَكُمۡ سُوٓءَ ٱلۡعَذَابِ وَيُذَبِّحُونَ أَبۡنَآءَكُمۡ وَيَسۡتَحۡيُونَ نِسَآءَكُمۡۚ وَفِي ذَٰلِكُم بَلَآءٞ مِّن رَّبِّكُمۡ عَظِيمٞ

موسى ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންނަށް اللَّه ދެއްވި نعمة ތައް، ތިޔަބައިމީހުން ހަނދާންކުރާށެވެ! فرعون ގެ މީހުންގެ ކިބައިން އެކަލާނގެ ތިޔަބައިމީހުން ސަލާމަތް ކުރެއްވި ހިނދެވެ. އެއުރެން ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ عذاب ގެ ރަހަ ދައްކަމުން ގެންދެެތެވެ. އަދި އެއުރެން ތިޔަބައިމީހުންގެ ފިރިހެންދަރިން ކަތިލައި، އަދި ތިޔަބައިމީހުންގެ އަންހެންދަރިން ނުމަރައި ބައިތިއްބަތެވެ. އަދި އެކަންތަކުގައި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ ބޮޑު امتحان އެއް ވެއެވެ
Surah Ibrahim, Verse 6


وَإِذۡ تَأَذَّنَ رَبُّكُمۡ لَئِن شَكَرۡتُمۡ لَأَزِيدَنَّكُمۡۖ وَلَئِن كَفَرۡتُمۡ إِنَّ عَذَابِي لَشَدِيدٞ

އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ
Surah Ibrahim, Verse 7


وَقَالَ مُوسَىٰٓ إِن تَكۡفُرُوٓاْ أَنتُمۡ وَمَن فِي ٱلۡأَرۡضِ جَمِيعٗا فَإِنَّ ٱللَّهَ لَغَنِيٌّ حَمِيدٌ

އަދި موسى ގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާއި، ބިމުގައި ވާހާ އެންމެން (شكر ނުކޮށް) كافر ވިޔަސް، ފަހެ، ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ
Surah Ibrahim, Verse 8


أَلَمۡ يَأۡتِكُمۡ نَبَؤُاْ ٱلَّذِينَ مِن قَبۡلِكُمۡ قَوۡمِ نُوحٖ وَعَادٖ وَثَمُودَ وَٱلَّذِينَ مِنۢ بَعۡدِهِمۡ لَا يَعۡلَمُهُمۡ إِلَّا ٱللَّهُۚ جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَرَدُّوٓاْ أَيۡدِيَهُمۡ فِيٓ أَفۡوَٰهِهِمۡ وَقَالُوٓاْ إِنَّا كَفَرۡنَا بِمَآ أُرۡسِلۡتُم بِهِۦ وَإِنَّا لَفِي شَكّٖ مِّمَّا تَدۡعُونَنَآ إِلَيۡهِ مُرِيبٖ

ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުންގެ خبر ތިޔަބައިމީހުންނާ ހަމަޔަކަށް ނާދޭހެއްޔެވެ؟ (އެއީ) نوح ގެފާނުގެ قوم ގެމީހުންނާއި، عاد ބާގައިމީހުންނާއި، ثمود ބާގައިމީހުންނާއި، އެއުރެންގެ ފަހުން އުޅުނު މީހުންނެވެ. اللَّه އަށް މެނުވީ، އެއުރެންނެއް ނޭނގެތެވެ. އެއުރެންގެ ގާތަށް އެއުރެންގެ رسول ން ބަޔާންވެގެންވާ ހެކިތަކާއިގެން ވަޑައިގަތެވެ. ފަހެ، އެއުރެންގެ އަނގަތަކުގައި، އެއުރެންގެ އަތްތައް އެޅޫއެވެ. އަދި އެއުރެން ބުނެފޫއެވެ. ހަމަކަށަވަރުން، ތިޔަބޭކަލުން އެކަމަކާއިގެން ފޮނުއްވެވި ކަންތަކަށް ތިމަންމެން كافر ވެއްޖައީމެވެ. އަދި ހަމަކަށަވަރުން، ތިޔަބޭކަލުން އެކަމަކަށް ތިމަންމެންނަށް ގޮވައިލައްވާ ކަމަކާމެދު، ހަމަކަށަވަރުން، ތިމަންމެންވަނީ ވަސްވާސްތެރިކަމުން ފުރިގެންވާ شك އެއް ގައެވެ
Surah Ibrahim, Verse 9


۞قَالَتۡ رُسُلُهُمۡ أَفِي ٱللَّهِ شَكّٞ فَاطِرِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يَدۡعُوكُمۡ لِيَغۡفِرَ لَكُم مِّن ذُنُوبِكُمۡ وَيُؤَخِّرَكُمۡ إِلَىٰٓ أَجَلٖ مُّسَمّٗىۚ قَالُوٓاْ إِنۡ أَنتُمۡ إِلَّا بَشَرٞ مِّثۡلُنَا تُرِيدُونَ أَن تَصُدُّونَا عَمَّا كَانَ يَعۡبُدُ ءَابَآؤُنَا فَأۡتُونَا بِسُلۡطَٰنٖ مُّبِينٖ

އެއުރެންގެ رسول ން ވިދާޅުވޫއެވެ. އިސްވެދިޔަ مثال އަކާނުލައި އުޑުތަކާއި ބިން އުފެއްދެވި اللَّه އާމެދު، شك އެއް ވޭހެއްޔެވެ؟ އެކަލާނގެ ތިޔަބައިމީހުންނަށް ގޮވައިލައްވަނީ، ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވުމަށާއި، ކަނޑައެޅިގެންވާ މުއްދަތަކަށް ތިޔަބައިމީހުން ފަސްކުރެއްވުމަށްޓަކައެވެ. އެއުރެން ދެންނެވޫއެވެ. ތިމަންމެންކަހަލަ އިންސާނުން ކަމުގައި މެނުވީ ތިޔަބޭކަލުން ނުވަމުއެވެ. ތިޔަބޭކަލުން އެދިވަޑައިގަންނަވަނީ، ތިމަންމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތިން ތިމަންމެން ދުރުކުރެއްވުމަށެވެ. ފަހެ، ބަޔާންވެގެންވާ حجّة އެއް ތިމަންމެންނަށް ތިޔަބޭކަލުން ގެނެސްދެއްވަ ބައްލަވާށެވެ
Surah Ibrahim, Verse 10


قَالَتۡ لَهُمۡ رُسُلُهُمۡ إِن نَّحۡنُ إِلَّا بَشَرٞ مِّثۡلُكُمۡ وَلَٰكِنَّ ٱللَّهَ يَمُنُّ عَلَىٰ مَن يَشَآءُ مِنۡ عِبَادِهِۦۖ وَمَا كَانَ لَنَآ أَن نَّأۡتِيَكُم بِسُلۡطَٰنٍ إِلَّا بِإِذۡنِ ٱللَّهِۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ

އެއުރެންގެ رسول ން އެއުރެންނަށް ވިދާޅުވޫއެވެ. ތިޔަބައިމީހުން ކަހަލަ އިންސާނުން ކަމުގައި މެނުވީ، ތިމަންމެން ނުވަމުއެވެ. އެހެނެއްކަމަކު، اللَّه، އެކަލާނގެ އަޅުންކުރެ އިރާދަކުރެއްވި ބަޔަކަށް نعمة ދެއްވަތެވެ. އަދި اللَّه ގެ إذن ފުޅާލައިގެން މެނުވީ، ތިޔަބައިމީހުންނަށް حجّة އެއް ގެނެސްދިނުމަކީ، ތިމަންމެންނަށް އޮތްކަމެއް ނޫނެވެ. އަދި مؤمن ތަކުން ހަމައެކަނި اللَّه އަށް وكيل ކުރާހުށިކަމެވެ
Surah Ibrahim, Verse 11


وَمَا لَنَآ أَلَّا نَتَوَكَّلَ عَلَى ٱللَّهِ وَقَدۡ هَدَىٰنَا سُبُلَنَاۚ وَلَنَصۡبِرَنَّ عَلَىٰ مَآ ءَاذَيۡتُمُونَاۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُتَوَكِّلُونَ

އަދި ހަމަކަށަވަރުން، އެކަލާނގެ ތިމަންމެންނަށް ތިމަންމެންގެ މަގުތައް ދައްކަވާފައިވާއިރު، اللَّه އަށް ތިމަންމެން وكيل ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަދި ތިޔަބައިމީހުން ތިމަންމެންނަށް ދިން އުނދަގޫތަކަށް ހަމަކަށަވަރުން، ތިމަންމެން ކެތްކުރާހުށީމުއެވެ. އަދި وكيل ކުރާމީހުން، ހަމައެކަނި اللَّه އަށް وكيل ކުރާހުށިކަމެވެ
Surah Ibrahim, Verse 12


وَقَالَ ٱلَّذِينَ كَفَرُواْ لِرُسُلِهِمۡ لَنُخۡرِجَنَّكُم مِّنۡ أَرۡضِنَآ أَوۡ لَتَعُودُنَّ فِي مِلَّتِنَاۖ فَأَوۡحَىٰٓ إِلَيۡهِمۡ رَبُّهُمۡ لَنُهۡلِكَنَّ ٱلظَّـٰلِمِينَ

كافر ވި މީހުން، އެއުރެންގެ رسول ންނަށް ދެންނެވޫއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ބިމުން ތިޔަބޭކަލުން ނެރެލާހުށީމުއެވެ. ނޫންނަމަަ ތިޔަބޭކަލުން ތިމަންމެންގެ دين އަށް އެނބުރިވަޑައިގަންނަވާހުށިކަމެވެ! ފަހެ، އެބޭކަލުންގެ ވެރިރަސްކަލާނގެ، އެބޭކަލުންނަށް وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަނިޔާވެރިން ހަލާކުކުރައްވާހުށީމެވެ
Surah Ibrahim, Verse 13


وَلَنُسۡكِنَنَّكُمُ ٱلۡأَرۡضَ مِنۢ بَعۡدِهِمۡۚ ذَٰلِكَ لِمَنۡ خَافَ مَقَامِي وَخَافَ وَعِيدِ

އަދި ހަމަކަށަވަރުން، އެއުރެންގެ ފަހުގައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުން، ބިމުގައި ވަޒަންވެރި ކުރައްވާ ހުށީމެވެ. އެކަންއޮތީ، ތިމަންރަސްކަލާނގެ (މަތިވެރި) مقام އަށް ބިރުވެތިވެ، ތިމަންރަސްކަލާނގެ وعيد އަށް ބިރުވެތިވި މީހުންނަށެވެ
Surah Ibrahim, Verse 14


وَٱسۡتَفۡتَحُواْ وَخَابَ كُلُّ جَبَّارٍ عَنِيدٖ

އަދި އެބޭކަލުން نصر އަށް އެދި ދެންނެވޫއެވެ. އަދި ހަރުކަށި، ކޮންމެ جبّار އަކު ގެއްލި ހަލާކުވިއެވެ
Surah Ibrahim, Verse 15


مِّن وَرَآئِهِۦ جَهَنَّمُ وَيُسۡقَىٰ مِن مَّآءٖ صَدِيدٖ

އޭނާގެ ކުރިމަތީގައިވަނީ، ނަރަކައެވެ. އަދި އޭނާއަށް ބޯންދެއްވާނީ، ފާ ދިޔަފަދަ ފެނަކުންނެވެ
Surah Ibrahim, Verse 16


يَتَجَرَّعُهُۥ وَلَا يَكَادُ يُسِيغُهُۥ وَيَأۡتِيهِ ٱلۡمَوۡتُ مِن كُلِّ مَكَانٖ وَمَا هُوَ بِمَيِّتٖۖ وَمِن وَرَآئِهِۦ عَذَابٌ غَلِيظٞ

އޭނާ އެ ދިރުވައިލާނެތެވެ. އޭނާއަށް އެ ދިރުވައިލެވޭނީ، ވަރަށް އުނދަގުލުންނެވެ. އަދި ހުރިހާ ފަރާތަކުން އޭނާގެ ގާތަށް މަރު އަންނާނެތެވެ. (އެކަމަކު) އޭނާ މަރެއް ނުވާނެތެވެ. އަދި އޭނާގެ ކުރިމަތީގައިވަނީ، ގަދަފަދަވެގެންވާ عذاب އެވެ
Surah Ibrahim, Verse 17


مَّثَلُ ٱلَّذِينَ كَفَرُواْ بِرَبِّهِمۡۖ أَعۡمَٰلُهُمۡ كَرَمَادٍ ٱشۡتَدَّتۡ بِهِ ٱلرِّيحُ فِي يَوۡمٍ عَاصِفٖۖ لَّا يَقۡدِرُونَ مِمَّا كَسَبُواْ عَلَىٰ شَيۡءٖۚ ذَٰلِكَ هُوَ ٱلضَّلَٰلُ ٱلۡبَعِيدُ

އެއުރެންގެ ވެރިރަސްކަލާނގެއަށް كافر ވި މީހުންގެ عمل ތަކުގެ مثال، އަޅިތަކެއް ފަދައެވެ. ވިއްސާރަގަދަ ދުވަހެއްގައި، އެއަށް ގަދަ ވައިޖެހި، އެ އަޅިތައް ބުރުއްސައިލިއެވެ. އެއުރެން ހޯދައިގަތް އެއްވެސްކަމެއްގެ މައްޗަށް، އެއުރެންގެ އެއްވެސް ބާރެއް ނެތެވެ. ދުރުވެގެންވާ މަގުފުރެދުމަކީ ހަމައެއީއެވެ
Surah Ibrahim, Verse 18


أَلَمۡ تَرَ أَنَّ ٱللَّهَ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۚ إِن يَشَأۡ يُذۡهِبۡكُمۡ وَيَأۡتِ بِخَلۡقٖ جَدِيدٖ

ހަމަކަށަވަރުން، اللَّه، حق ގޮތުގައި އުޑުތަކާއި ބިން ހައްދަވާފައިވާކަން ތިބާއަކަށް ނޭނގޭ ހެއްޔެވެ؟ އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކޮށްލައްވައި، އާ مخلوق ންތަކެއް ގެންނަވައިފާނެތެވެ
Surah Ibrahim, Verse 19


وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٖ

އަދި އެކަންތައް اللَّه އަށް އުނދަގޫކަމަކަށް ނުވެތެވެ
Surah Ibrahim, Verse 20


وَبَرَزُواْ لِلَّهِ جَمِيعٗا فَقَالَ ٱلضُّعَفَـٰٓؤُاْ لِلَّذِينَ ٱسۡتَكۡبَرُوٓاْ إِنَّا كُنَّا لَكُمۡ تَبَعٗا فَهَلۡ أَنتُم مُّغۡنُونَ عَنَّا مِنۡ عَذَابِ ٱللَّهِ مِن شَيۡءٖۚ قَالُواْ لَوۡ هَدَىٰنَا ٱللَّهُ لَهَدَيۡنَٰكُمۡۖ سَوَآءٌ عَلَيۡنَآ أَجَزِعۡنَآ أَمۡ صَبَرۡنَا مَا لَنَا مِن مَّحِيصٖ

އެ އެންމެން (ކަށްވަޅުތަކުން) ނުކުމެ، اللَّه ގެ حضرة އަށް އަންނާނެތެވެ. އަދި (އޭގެތެރެއިން) ނިކަމެތިން ބޮޑާވެގަތް މީހުންނަށް ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެން މިތިބީ، ތިޔަބައިމީހުންނަށް تبع ވެގެންނެވެ. ފަހެ، ތިޔަބައިމީހުންނަށް اللَّه ގެ عذاب ން ކުޑަމިންވަރެއްނަމަވެސް ތިމަންމެންގެ ކިބައިން ދުރުކޮށްދެވިދާނެ ހެއްޔެވެ؟ އެއުރެން ބުނާނެތެވެ. اللَّه ތިމަންމެންނަށް ތެދުމަގު ދެއްކެވިނަމަ، ތިޔަބައިމީހުންނަށް ތިމަންމެން ތެދުމަގު ދެއްކީމުހެވެ. ތިމަންމެން ކެތްނުކުރިޔަސް، ނުވަތަ ކެތްކުރިޔަސް، ތިމަންމެންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. ފިލަންދާނެ ތަނެއް ތިމަންމެންނަކަށް ނުވެއެވެ
Surah Ibrahim, Verse 21


وَقَالَ ٱلشَّيۡطَٰنُ لَمَّا قُضِيَ ٱلۡأَمۡرُ إِنَّ ٱللَّهَ وَعَدَكُمۡ وَعۡدَ ٱلۡحَقِّ وَوَعَدتُّكُمۡ فَأَخۡلَفۡتُكُمۡۖ وَمَا كَانَ لِيَ عَلَيۡكُم مِّن سُلۡطَٰنٍ إِلَّآ أَن دَعَوۡتُكُمۡ فَٱسۡتَجَبۡتُمۡ لِيۖ فَلَا تَلُومُونِي وَلُومُوٓاْ أَنفُسَكُمۖ مَّآ أَنَا۠ بِمُصۡرِخِكُمۡ وَمَآ أَنتُم بِمُصۡرِخِيَّ إِنِّي كَفَرۡتُ بِمَآ أَشۡرَكۡتُمُونِ مِن قَبۡلُۗ إِنَّ ٱلظَّـٰلِمِينَ لَهُمۡ عَذَابٌ أَلِيمٞ

އަދި ކަންތައް ނިޔާކުރައްވައި ނިމޭހިނދު، شيطان އާ ބުނާނެތެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުންނަށް وعد ކުރައްވާފައިވަނީ، حق ތެދު وعد އެވެ. އަދި ތިމަންވެސް ތިޔަބައިމީހުންނަށް وعد ކުރީމެވެ. ފަހެ، ތިޔަބައިމީހުންނަށް ތިމަންކުޅަ وعد އާ خلاف ވީމެވެ. އަދި ތިޔަބައިމީހުންނަށް ތިމަން ގޮވައިލުން ފިޔަވައި، ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ބާރެއް ތިމަންނާއަކަށް ލިބިގެނެއް ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންނާގެ ގޮވައިލުމަށް އިޖާބަދިނީއެވެ. ފަހެ، ތިޔަބައިމީހުން ތިމަން ކުށްވެރިކޮށް ވާހަކަ ނުދައްކާށެވެ! އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ކުށްވެރިކޮށް ވާހަކަ ދައްކާށެވެ! ތިޔަބައިމީހުންގެ އެހީތެރިޔަކަށް ތިމަން ނުވަމެވެ. އަދި ތިޔަބައިމީހުންވެސް ތިމަންގެ އެހީތެރިންނަކަށް ނުވަމުއެވެ. ހަމަކަށަވަރުން، މީގެކުރިން ތިޔަބައިމީހުން ތިމަން ބައިވެރިކުރި ކަންތަކަށް ތިމަން كافر ވީމެވެ. ހަމަކަށަވަރުން، އަނިޔާވެރިންނަށް ވޭންދެނިވި عذاب ހުށްޓެވެ
Surah Ibrahim, Verse 22


وَأُدۡخِلَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا بِإِذۡنِ رَبِّهِمۡۖ تَحِيَّتُهُمۡ فِيهَا سَلَٰمٌ

إيمان ވެ صالح عمل ތައް ކުޅަމީހުން، އެތާނގެ ދަށުން ފެން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ވައްދަވާހުށްޓެވެ. އެއުރެންގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، އެތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. އެތާނގައި، އެއުރެންގެ تحيّة އަކީ، سلام އެވެ
Surah Ibrahim, Verse 23


أَلَمۡ تَرَ كَيۡفَ ضَرَبَ ٱللَّهُ مَثَلٗا كَلِمَةٗ طَيِّبَةٗ كَشَجَرَةٖ طَيِّبَةٍ أَصۡلُهَا ثَابِتٞ وَفَرۡعُهَا فِي ٱلسَّمَآءِ

اللَّه، ރަނގަޅު ބަހެއްގެ مثال ޖެއްސެވީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެއީ، އެ ގަހެއްގެ މޫތައް (ބިމުގައި) ހަރުލާފައި ހުންނަ، އަދި އެ ގަހެއްގެ ގޮފިތައް (ބިޔަކޮށްހެދި) މައްޗަށް އުފުލިފައިވާ ގަހެއްގެ مثال އެވެ
Surah Ibrahim, Verse 24


تُؤۡتِيٓ أُكُلَهَا كُلَّ حِينِۭ بِإِذۡنِ رَبِّهَاۗ وَيَضۡرِبُ ٱللَّهُ ٱلۡأَمۡثَالَ لِلنَّاسِ لَعَلَّهُمۡ يَتَذَكَّرُونَ

އެ ގަހުގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، ހުރިހާ ހިނދެއްގައި އެ ގަހުގެ މޭވާ ލިބިދެއެވެ. اللَّه، މީސްތަކުންނަށް مثال ޖައްސަވަނީ، އެއުރެން ހަނދުމަކުރުމަށްޓަކައެވެ
Surah Ibrahim, Verse 25


وَمَثَلُ كَلِمَةٍ خَبِيثَةٖ كَشَجَرَةٍ خَبِيثَةٍ ٱجۡتُثَّتۡ مِن فَوۡقِ ٱلۡأَرۡضِ مَا لَهَا مِن قَرَارٖ

އަދި ނުބައި ބަހެއްގެ مثال އަކީ، ބިންމަތިން އުފުރާލި (އަދި) އެ ގަހަކަށް އެއްވެސް ސާބިތުކަމެއްނުވާ، ނުބައި ގަހެއްގެ مثال އެވެ
Surah Ibrahim, Verse 26


يُثَبِّتُ ٱللَّهُ ٱلَّذِينَ ءَامَنُواْ بِٱلۡقَوۡلِ ٱلثَّابِتِ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَفِي ٱلۡأٓخِرَةِۖ وَيُضِلُّ ٱللَّهُ ٱلظَّـٰلِمِينَۚ وَيَفۡعَلُ ٱللَّهُ مَا يَشَآءُ

ދުނިޔޭގެ حياة ގައްޔާއި، آخرة ގައި ސާބިތުވެގެންވާ (حق) ބަހުން إيمان ވި މީހުންނަށް، اللَّه ސާބިތުކަން ދެއްވަތެވެ. އަދި اللَّه، އަނިޔާވެރިން މަގުފުރައްދަވަތެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވަތެވެ
Surah Ibrahim, Verse 27


۞أَلَمۡ تَرَ إِلَى ٱلَّذِينَ بَدَّلُواْ نِعۡمَتَ ٱللَّهِ كُفۡرٗا وَأَحَلُّواْ قَوۡمَهُمۡ دَارَ ٱلۡبَوَارِ

اللَّه ގެ نعمة، كافر ކަމަށް ބަދަލުކޮށް، އެއުރެންގެ قوم ހަލާކުގެ ގޮވައްޗަށްލީ މީހުން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟
Surah Ibrahim, Verse 28


جَهَنَّمَ يَصۡلَوۡنَهَاۖ وَبِئۡسَ ٱلۡقَرَارُ

(އެއީ) ނަރަކައެވެ. އެއުރެން އެތަނަށްވަދެ އަނދާނެތެވެ. އަދި އެއީ، ތިބުމަށް ހާދަހާ ނުބައި ތަނެކެވެ
Surah Ibrahim, Verse 29


وَجَعَلُواْ لِلَّهِ أَندَادٗا لِّيُضِلُّواْ عَن سَبِيلِهِۦۗ قُلۡ تَمَتَّعُواْ فَإِنَّ مَصِيرَكُمۡ إِلَى ٱلنَّارِ

އަދި އެއުރެން اللَّه އަށް شريك ން ލޫއެވެ. (އެއީ) އެއުރެން އެކަލާނގެ މަގުން މީސްތަކުން ފުރެއްދުމަށްޓަކައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ދުނިޔެމަތީގައި) އަރާމުކޮށްލަން ތިބޭށެވެ! ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން އެނބުރިދިއުންވަނީ ނަރަކައަށެވެ
Surah Ibrahim, Verse 30


قُل لِّعِبَادِيَ ٱلَّذِينَ ءَامَنُواْ يُقِيمُواْ ٱلصَّلَوٰةَ وَيُنفِقُواْ مِمَّا رَزَقۡنَٰهُمۡ سِرّٗا وَعَلَانِيَةٗ مِّن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا بَيۡعٞ فِيهِ وَلَا خِلَٰلٌ

إيمان ވި، ތިމަންރަސްކަލާނގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން ނަމާދު قائم ކުރާހުށިކަމެވެ! އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި އެއުރެން ހޭދަކުރާހުށިކަމެވެ! އެ ދުވަހެއްގައި ވިޔަފާރިއެއް ނުވަތަ ރައްޓެހިކަމެއް ނޯންނާނޭ ދުވަހެއް އައުމުގެ ކުރިންނެވެ
Surah Ibrahim, Verse 31


ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزۡقٗا لَّكُمۡۖ وَسَخَّرَ لَكُمُ ٱلۡفُلۡكَ لِتَجۡرِيَ فِي ٱلۡبَحۡرِ بِأَمۡرِهِۦۖ وَسَخَّرَ لَكُمُ ٱلۡأَنۡهَٰرَ

اللَّه އީ، އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އުޑުން ވާރޭ ވެއްސެވިއެވެ. ފަހެ، އެ ފެނުގެ ސަބަބުން ތިޔަބައިމީހުންނަށް رزق އެއް ކަމުގައި މޭވާތައް ނެރުއްވިއެވެ. އަދި އެކަލާނގެ إذن ފުޅާއެކު، އެ ތަކެތި ކަނޑުގައި ދަތުރުކުރުމަށް ތިޔަބައިމީހުންނަށްޓަކައި ނާފަހަރު خدمة ތެރި ކުރެއްވިއެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ކޯރުތައް خدمة ތެރިކުރެއްވިއެވެ
Surah Ibrahim, Verse 32


وَسَخَّرَ لَكُمُ ٱلشَّمۡسَ وَٱلۡقَمَرَ دَآئِبَيۡنِۖ وَسَخَّرَ لَكُمُ ٱلَّيۡلَ وَٱلنَّهَارَ

އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، އިރާއި ހަނދު خدمة ތެރި ކުރެއްވިއެވެ. ކެނޑިނޭޅި ހިނގާގޮތުގައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ރޭދުވާ خدمة ތެރި ކުރެއްވިއެވެ
Surah Ibrahim, Verse 33


وَءَاتَىٰكُم مِّن كُلِّ مَا سَأَلۡتُمُوهُۚ وَإِن تَعُدُّواْ نِعۡمَتَ ٱللَّهِ لَا تُحۡصُوهَآۗ إِنَّ ٱلۡإِنسَٰنَ لَظَلُومٞ كَفَّارٞ

އަދި އެކަލާނގެ حضرة އަށް ތިޔަބައިމީހުން ދެންނެވި ކޮންމެ އެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވިއެވެ. اللَّه ގެ نعمة ތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ نعمة ތައް عدد އެއް ނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، شكر ކުރުން ނެތްމީހެކެވެ
Surah Ibrahim, Verse 34


وَإِذۡ قَالَ إِبۡرَٰهِيمُ رَبِّ ٱجۡعَلۡ هَٰذَا ٱلۡبَلَدَ ءَامِنٗا وَٱجۡنُبۡنِي وَبَنِيَّ أَن نَّعۡبُدَ ٱلۡأَصۡنَامَ

إبراهيم ގެފާނު ވިދާޅުވި ހިނދު، ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޮ! މި ރަށަކީ، أمان ވެގެންވާ ރަށެއްކަމުގައި ލައްވާނދޭވެ! އަދި އަޅާއާއި، އަޅުގެ ދަރިން ބުދަށް އަޅުކަންކުރުމުން ދުރުކުރައްވާނދޭވެ
Surah Ibrahim, Verse 35


رَبِّ إِنَّهُنَّ أَضۡلَلۡنَ كَثِيرٗا مِّنَ ٱلنَّاسِۖ فَمَن تَبِعَنِي فَإِنَّهُۥ مِنِّيۖ وَمَنۡ عَصَانِي فَإِنَّكَ غَفُورٞ رَّحِيمٞ

އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އެ ބުދުތައް މީސްތަކުންކުރެ ގިނަބަޔަކު މަގުފުރައްދައިފިއެވެ. ފަހެ، މި އަޅާޔަށް تبع ވެއްޖެ މީހަކީ، ހަމަކަށަވަރުން، އަޅުގެ (دين ގެ) މީހެކެވެ. އަދި އަޅާޔަށް އުރެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ
Surah Ibrahim, Verse 36


رَّبَّنَآ إِنِّيٓ أَسۡكَنتُ مِن ذُرِّيَّتِي بِوَادٍ غَيۡرِ ذِي زَرۡعٍ عِندَ بَيۡتِكَ ٱلۡمُحَرَّمِ رَبَّنَا لِيُقِيمُواْ ٱلصَّلَوٰةَ فَٱجۡعَلۡ أَفۡـِٔدَةٗ مِّنَ ٱلنَّاسِ تَهۡوِيٓ إِلَيۡهِمۡ وَٱرۡزُقۡهُم مِّنَ ٱلثَّمَرَٰتِ لَعَلَّهُمۡ يَشۡكُرُونَ

އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް وادى އެއްގައި، حرمة ތެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު قائم ކޮށް އުޅުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް رزق ދެއްވާނދޭވެ! (އެއީ) އެއުރެން شكر ވެރި ވުމަށްޓަކައެވެ
Surah Ibrahim, Verse 37


رَبَّنَآ إِنَّكَ تَعۡلَمُ مَا نُخۡفِي وَمَا نُعۡلِنُۗ وَمَا يَخۡفَىٰ عَلَى ٱللَّهِ مِن شَيۡءٖ فِي ٱلۡأَرۡضِ وَلَا فِي ٱلسَّمَآءِ

އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެން ވަންހަނާކުރާ ކަންތަކާއި، އަޅަމެން ފާޅުކުރާ ކަންތައް، އިބަރަސްކަލާނގެ ދެނެވޮޑިގެންވަމުއެވެ. އަދި ބިމުގައްޔާއި، އުޑުގައިވާ އެއްވެސް އެއްޗެއް، اللَّه އަށް ވަންހަނާވެގެނެއް ނުވެއެވެ
Surah Ibrahim, Verse 38


ٱلۡحَمۡدُ لِلَّهِ ٱلَّذِي وَهَبَ لِي عَلَى ٱلۡكِبَرِ إِسۡمَٰعِيلَ وَإِسۡحَٰقَۚ إِنَّ رَبِّي لَسَمِيعُ ٱلدُّعَآءِ

حمد ހުރީ، اللَّه އަށެވެ. އެކަލާނގެއީ، އަޅު، މުސްކުޅިވެފައިވަނިކޮށް، އަޅާއަށް إسماعيل އާއި، إسحاق ދެއްވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އަޅުގެ ވެރިރަސްކަލާނގެއީ، دعاء އައްސަވާވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ
Surah Ibrahim, Verse 39


رَبِّ ٱجۡعَلۡنِي مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِيۚ رَبَّنَا وَتَقَبَّلۡ دُعَآءِ

އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު قائم ކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ دعاء قبول ކުރައްވާނދޭވެ
Surah Ibrahim, Verse 40


رَبَّنَا ٱغۡفِرۡ لِي وَلِوَٰلِدَيَّ وَلِلۡمُؤۡمِنِينَ يَوۡمَ يَقُومُ ٱلۡحِسَابُ

އަޅަމެންގެ ވެރިރަސްކަލާކޮ! حساب قائم ވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، مؤمن ތަކުންނަށް ފާފަފުއްސަވާނދޭވެ
Surah Ibrahim, Verse 41


وَلَا تَحۡسَبَنَّ ٱللَّهَ غَٰفِلًا عَمَّا يَعۡمَلُ ٱلظَّـٰلِمُونَۚ إِنَّمَا يُؤَخِّرُهُمۡ لِيَوۡمٖ تَشۡخَصُ فِيهِ ٱلۡأَبۡصَٰرُ

އަނިޔާވެރިން ކުރާ ކަންތަކާމެދު، اللَّه، غافل ވެ ވޮޑިގެންވާކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ! އެކަލާނގެ އެއުރެން ފަސްކުރައްވާކަން ކަށަވަރީ (ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށެވެ
Surah Ibrahim, Verse 42


مُهۡطِعِينَ مُقۡنِعِي رُءُوسِهِمۡ لَا يَرۡتَدُّ إِلَيۡهِمۡ طَرۡفُهُمۡۖ وَأَفۡـِٔدَتُهُمۡ هَوَآءٞ

އެއުރެން އިސްއުފުލައި އަވަސްއަވަހަށް ހިނގާފައި ދާނެތެވެ. އެއުރެންގެ ލޮލުގެ އެސްފިޔަވެސް ޖަހައިނުލެވޭހުށްޓެވެ. އަދި އެއުރެންގެ ހިތްތައް ވާނީ، އެކައްޗެއްވެސް ނެތި ހުސްވެފައެވެ
Surah Ibrahim, Verse 43


وَأَنذِرِ ٱلنَّاسَ يَوۡمَ يَأۡتِيهِمُ ٱلۡعَذَابُ فَيَقُولُ ٱلَّذِينَ ظَلَمُواْ رَبَّنَآ أَخِّرۡنَآ إِلَىٰٓ أَجَلٖ قَرِيبٖ نُّجِبۡ دَعۡوَتَكَ وَنَتَّبِعِ ٱلرُّسُلَۗ أَوَلَمۡ تَكُونُوٓاْ أَقۡسَمۡتُم مِّن قَبۡلُ مَا لَكُم مِّن زَوَالٖ

އެއުރެންނަށް عذاب އަންނަ ދުވަހާމެދު، ކަލޭގެފާނު މީސްތަކުންނަށް إنذار ކުރައްވާށެވެ! ފަހެ، އަނިޔާވެރިވި މީހުން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ކައިރި މުއްދަތަކަށް އަޅަމެން ފަސްކުރައްވާނދޭވެ! އޭރުން އިބަރަސްކަލާނގެ ގޮވައިލެއްވުމަށް އަޅަމެން އިޖާބަދޭ ހުށީމުއެވެ. އަދި رسول ންނަށް تبع ވާ ހުށީމުއެވެ. (ޖަވާބުގައި ބުނެވޭނެތެވެ.) ތިޔަބައިމީހުންނަށް (ދުނިޔެއިން) ނެތިދިއުމެއް ނާންނާނެކަމަށް މީގެކުރިން ތިޔަބައިމީހުން ހުވާކޮށް ނޫޅެމުހެއްޔެވެ؟
Surah Ibrahim, Verse 44


وَسَكَنتُمۡ فِي مَسَٰكِنِ ٱلَّذِينَ ظَلَمُوٓاْ أَنفُسَهُمۡ وَتَبَيَّنَ لَكُمۡ كَيۡفَ فَعَلۡنَا بِهِمۡ وَضَرَبۡنَا لَكُمُ ٱلۡأَمۡثَالَ

އަދި އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވި މީހުން އުޅުނު ތަންތާނގައި ތިޔަބައިމީހުން އުޅުނީމުއެވެ. އަދި އެއުރެންނާމެދު ތިމަންރަސްކަލާނގެ ކަންތައްކުރެއްވިގޮތް ތިޔަބައިމީހުންނަށް ބަޔާންވެ އެނގިފައިވެއެވެ. އަދި ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ مثال ތައް ޖައްސަވައިދެއްވީމެވެ
Surah Ibrahim, Verse 45


وَقَدۡ مَكَرُواْ مَكۡرَهُمۡ وَعِندَ ٱللَّهِ مَكۡرُهُمۡ وَإِن كَانَ مَكۡرُهُمۡ لِتَزُولَ مِنۡهُ ٱلۡجِبَالُ

ހަމަކަށަވަރުން، އެއުރެންގެ ރޭވުންތައް ރޭވޫއެވެ. އަދި އެއުރެންގެ ރޭވުންތައްވަނީ، اللَّه ގެ حضرة ގައެވެ. (އެބަހީ: އެ ރޭވުންތައް اللَّه ދެނެވޮޑިގެންވެތެވެ.) އަދި އެއުރެންގެ ރޭވުންތަކުން ފަރުބަދަތައް ނެއްތައިނުލެވޭހުށްޓެވެ
Surah Ibrahim, Verse 46


فَلَا تَحۡسَبَنَّ ٱللَّهَ مُخۡلِفَ وَعۡدِهِۦ رُسُلَهُۥٓۚ إِنَّ ٱللَّهَ عَزِيزٞ ذُو ٱنتِقَامٖ

ފަހެ، اللَّه، އެކަލާނގެ رسول ންނަށް ކުރައްވާފައިވާ وعد އާ خلاف ވެ ވޮޑިގަންނަވާނެކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ! ހަމަކަށަވަރުން، اللَّه އީ، ބަދަލުހިއްޕެވުމުގެވެރި، عزيز ވަންތަ ރަސްކަލާނގެއެވެ
Surah Ibrahim, Verse 47


يَوۡمَ تُبَدَّلُ ٱلۡأَرۡضُ غَيۡرَ ٱلۡأَرۡضِ وَٱلسَّمَٰوَٰتُۖ وَبَرَزُواْ لِلَّهِ ٱلۡوَٰحِدِ ٱلۡقَهَّارِ

އެދުވަހުން، ބިން އެހެން ބިމަކަށް، އަދި އުޑުތައް (އެހެން އުޑުތަކަކަށް) ބަދަލުކުރައްވާނެތެވެ. އަދި އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه ގެ حضرة އަށް އެންމެން ނުކުންނާނެތެވެ
Surah Ibrahim, Verse 48


وَتَرَى ٱلۡمُجۡرِمِينَ يَوۡمَئِذٖ مُّقَرَّنِينَ فِي ٱلۡأَصۡفَادِ

އަދި އެދުވަހުން، ކުށްވެރިންތައް އެކުއެކުގައި ކަސްތަޅު އެޅިފައިވާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ
Surah Ibrahim, Verse 49


سَرَابِيلُهُم مِّن قَطِرَانٖ وَتَغۡشَىٰ وُجُوهَهُمُ ٱلنَّارُ

އެއުރެންގެ ފޭރާން ވަނީ ކަތުރާނުންނެވެ. އަދި އަލިފާން، އެއުރެންގެ މޫނުތައް ފޮރުވައިލާނެތެވެ
Surah Ibrahim, Verse 50


لِيَجۡزِيَ ٱللَّهُ كُلَّ نَفۡسٖ مَّا كَسَبَتۡۚ إِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ

(އެއީ) اللَّه، ކޮންމެ نفس އަކަށްމެ، އެ نفس އެއް ހޯދިކަމެއްގެ ޖަޒާ ދެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه އީ، حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ
Surah Ibrahim, Verse 51


هَٰذَا بَلَٰغٞ لِّلنَّاسِ وَلِيُنذَرُواْ بِهِۦ وَلِيَعۡلَمُوٓاْ أَنَّمَا هُوَ إِلَٰهٞ وَٰحِدٞ وَلِيَذَّكَّرَ أُوْلُواْ ٱلۡأَلۡبَٰبِ

މި قرآن އަކީ (އެންމެހާ) މީސްތަކުންނަށް އެއިން إنذار ކުރެއްވުމަށްޓަކައި އޮތް އެންގެވުމެކެވެ. އަދި ހަމަކަށަވަރުން، އެކަލާނގެއީ، އެއްކައުވަންތަ ކަލާނގެކަން އެއުރެން ދެނެގަތުމަށާއި، އަދި ބުއްދީގެ أهل ވެރިން نصيحة ލިބިގަތުމަށްޓަކައެވެ
Surah Ibrahim, Verse 52


Author: Office Of The President Of Maldives


<< Surah 13
>> Surah 15

Divehi Translations by other Authors


Divehi Translation By Office Of The President Of Maldives
Popular Areas
Apartments for rent in Dubai Apartments for rent Abu Dhabi Villas for rent in Dubai House for rent Abu Dhabi Apartments for sale in Dubai Apartments for sale in Abu Dhabi Flat for rent Sharjah
Popular Searches
Studios for rent in UAE Apartments for rent in UAE Villas for rent in UAE Apartments for sale in UAE Villas for sale in UAE Land for sale in UAE Dubai Real Estate
Trending Areas
Apartments for rent in Dubai Marina Apartments for sale in Dubai Marina Villa for rent in Sharjah Villa for sale in Dubai Flat for rent in Ajman Studio for rent in Abu Dhabi Villa for rent in Ajman
Trending Searches
Villa for rent in Abu Dhabi Shop for rent in Dubai Villas for sale in Ajman Studio for rent in Sharjah 1 Bedroom Apartment for rent in Dubai Property for rent in Abu Dhabi Commercial properties for sale
© Copyright Dubai Prayer Time. All Rights Reserved
Designed by Prayer Time In Dubai