UAE Prayer Times

  • Dubai
  • Abu Dhabi
  • Sharjah
  • Ajman
  • Fujairah
  • Umm Al Quwain
  • Ras Al Khaimah
  • Quran Translations

Surah Al-Qasas - Divehi Translation by Office Of The President Of Maldives


طسٓمٓ

ط س م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ)
Surah Al-Qasas, Verse 1


تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡمُبِينِ

މިއީ (ކަންތައްތައް) ބަޔާންވެގެންވާ ފޮތުގެ (އެބަހީ: قرآن ގެ) آية ތަކެވެ
Surah Al-Qasas, Verse 2


نَتۡلُواْ عَلَيۡكَ مِن نَّبَإِ مُوسَىٰ وَفِرۡعَوۡنَ بِٱلۡحَقِّ لِقَوۡمٖ يُؤۡمِنُونَ

إيمان ވާ ބަޔަކަށްޓަކައި موسى ގެފާނާއި، فرعون ގެ ވާހަކައިން حق ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަމެވެ
Surah Al-Qasas, Verse 3


إِنَّ فِرۡعَوۡنَ عَلَا فِي ٱلۡأَرۡضِ وَجَعَلَ أَهۡلَهَا شِيَعٗا يَسۡتَضۡعِفُ طَآئِفَةٗ مِّنۡهُمۡ يُذَبِّحُ أَبۡنَآءَهُمۡ وَيَسۡتَحۡيِۦ نِسَآءَهُمۡۚ إِنَّهُۥ كَانَ مِنَ ٱلۡمُفۡسِدِينَ

ހަމަކަށަވަރުން، فرعون، ބިމުގައި ބޮޑާވެގެންފިއެވެ. އަދި އެ ބިމުގެ أهل ވެރިން ބައިތަކަކަށް ބަހައިލިއެވެ. އޭގެތެރެއިން އެއްބަޔަކު ނިކަމެތިކުރަމުން ގެންދިޔައެވެ. އެއުރެންގެ ފިރިހެން ދަރިން قتل ކޮށް، އެއުރެންގެ އަންހެންދަރިން ދޫކޮށްލިއެވެ. ހަމަކަށަވަރުން، އޭނާއަކީ، فساد ކުރާ މީހުންގެ ތެރެއިންވީ މީހެކެވެ
Surah Al-Qasas, Verse 4


وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسۡتُضۡعِفُواْ فِي ٱلۡأَرۡضِ وَنَجۡعَلَهُمۡ أَئِمَّةٗ وَنَجۡعَلَهُمُ ٱلۡوَٰرِثِينَ

އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވަނީ، ބިމުގައި ދެރަވެ ނިކަމެތިވީ މީހުންނަށް نعمة ދެއްވުމަށެވެ. އަދި އެއުރެންނީ (އެހެންމީހުންނަށް މަގުދައްކާ) إمام ން ކަމުގައި ލެއްވުމަށެވެ. އަދި (فرعون ގެ ވެރިކަން) ވާރުތަވަނިވި މީހުން ކަމުގައި އެއުރެން ލެއްވުމަށެވެ
Surah Al-Qasas, Verse 5


وَنُمَكِّنَ لَهُمۡ فِي ٱلۡأَرۡضِ وَنُرِيَ فِرۡعَوۡنَ وَهَٰمَٰنَ وَجُنُودَهُمَا مِنۡهُم مَّا كَانُواْ يَحۡذَرُونَ

އަދި ބިމުގައި ތިމަންރަސްކަލާނގެ އެއުރެންނަށް ވެރިކަން ދެއްވުމަށެވެ. އަދި فرعون އާއި، هامان އާއި، އެ ދެމީހުންގެ لشكر އަށް، އެއުރެން ބިރުގަންނަ ކަންތައްތައް، އެ ނިކަމެތި މީހުންގެ ފަރާތުން ދެއްކެވުމަށްޓަކައެވެ
Surah Al-Qasas, Verse 6


وَأَوۡحَيۡنَآ إِلَىٰٓ أُمِّ مُوسَىٰٓ أَنۡ أَرۡضِعِيهِۖ فَإِذَا خِفۡتِ عَلَيۡهِ فَأَلۡقِيهِ فِي ٱلۡيَمِّ وَلَا تَخَافِي وَلَا تَحۡزَنِيٓۖ إِنَّا رَآدُّوهُ إِلَيۡكِ وَجَاعِلُوهُ مِنَ ٱلۡمُرۡسَلِينَ

އަދި ތިމަންރަސްކަލާނގެ موسى ގެފާނުގެ މަންމައަށް إلهام ކުރެއްވީމެވެ. ކަމަނާ އެކަލޭގެފާނަށް ކިރުފޮދު އަރުވާހުށިކަމެވެ! ފަހެ، ކަމަނާ އެކަލޭގެފާނުގެ މައްޗަށް ބިރުފުޅުގެންފިނަމަ، އެކަލޭގެފާނު (ފޮށްޓަކަށް ލައްވައިފައި) ކޯރުގެ ތެރެއަށް އެއްލަވާހުށިކަމެވެ! އަދި ކަމަނާ ބިރުފުޅު ނުގަންނާށެވެ! އަދި ހިތާމަވެސް ނުކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަލޭގެފާނު ކަމަނާއަށް ރައްދުކުރައްވާހުށީމެވެ. އަދި އެކަލޭގެފާނު رسول ންގެ ތެރެއިން ލައްވާހުށީމެވެ
Surah Al-Qasas, Verse 7


فَٱلۡتَقَطَهُۥٓ ءَالُ فِرۡعَوۡنَ لِيَكُونَ لَهُمۡ عَدُوّٗا وَحَزَنًاۗ إِنَّ فِرۡعَوۡنَ وَهَٰمَٰنَ وَجُنُودَهُمَا كَانُواْ خَٰطِـِٔينَ

ފަހެ، فرعون ގެ أهل ވެރިން، އެކަލޭގެފާނު (އޮޔާދަނިކޮށް) ހޮވައި ނެގިއެވެ. އެއީ އެކަލޭގޭފާނު އެއުރެންނަށްހުރި عدوّ އަކަށް، އަދި ހިތާމައަކަށް ވުމަށްޓަކައެވެ. ހަމަކަށަވަރުން، فرعون އާއި، هامان އާއި، އެ ދެމީހުންގެ لشكر ވީ ކުށްވެރިން ކަމުގައެވެ
Surah Al-Qasas, Verse 8


وَقَالَتِ ٱمۡرَأَتُ فِرۡعَوۡنَ قُرَّتُ عَيۡنٖ لِّي وَلَكَۖ لَا تَقۡتُلُوهُ عَسَىٰٓ أَن يَنفَعَنَآ أَوۡ نَتَّخِذَهُۥ وَلَدٗا وَهُمۡ لَا يَشۡعُرُونَ

އަދި فرعون ގެ އަނބިކަމަނާ ވިދާޅުވިއެވެ. (އޭނާއަކީ) ތިމަންނާއަށާއި، ކަލެޔަށްވާ ލޮލުގެ ފިނިކަމެކެވެ. ތިޔަބައިމީހުން އޭނާ قتل ނުކުރާށެވެ! އޭނާ ތިމަންމެންނަށް މަންފާކޮށްދީފާނެކަން ނޭނގެއެވެ. ނުވަތަ ތިމަންމެން އޭނާއަކީ ދަރިއަކު ކަމުގައި ހަދާނީއެވެ. އަދި އެއުރެންނަކަށް (އޭގެ ނަތީޖާއެއް) ނޭނގެތެވެ
Surah Al-Qasas, Verse 9


وَأَصۡبَحَ فُؤَادُ أُمِّ مُوسَىٰ فَٰرِغًاۖ إِن كَادَتۡ لَتُبۡدِي بِهِۦ لَوۡلَآ أَن رَّبَطۡنَا عَلَىٰ قَلۡبِهَا لِتَكُونَ مِنَ ٱلۡمُؤۡمِنِينَ

އަދި موسى ގެފާނުގެ މައިކަމަނާގެ ހިތްޕުޅު (موسى ގެފާނު ފިޔަވައި އެހެން ހުރިހާ ކަމަކުން) ހުސްވެގެންވެއެވެ. ތިމަންރަސްކަލާނގެ އެކަމަނާގެ ހިތްޕުޅަށް ގަދަކަން ނުދެއްވިނަމަ، އެ ދަރިކަލުންގެ ކަންތައް އެކަމަނާ ފާޅުކުރައްވައިފީހެވެ. (އެއީ ހަރުދަނާ) مؤمن ންގެ ތެރެއިން އެކަމަނާ ވެވަޑައިގަތުމަށްޓަކައެވެ
Surah Al-Qasas, Verse 10


وَقَالَتۡ لِأُخۡتِهِۦ قُصِّيهِۖ فَبَصُرَتۡ بِهِۦ عَن جُنُبٖ وَهُمۡ لَا يَشۡعُرُونَ

އަދި އެކަމަނާ موسى ގެފާނުގެ أخت އަށް ވިދާޅުވިއެވެ. އޭނާ (އޮޔާދާތަން ބަލަމުން) ފަހަތުންގޮސް ބަލާށެވެ! ފަހެ، އޭނާ ދުރުގައި ހުރެގެން އެހެންމީހުންނަށް ނޭނގޭގޮތުން އެކަލޭގެފާނަށް ބަލަމުންދިޔައެވެ
Surah Al-Qasas, Verse 11


۞وَحَرَّمۡنَا عَلَيۡهِ ٱلۡمَرَاضِعَ مِن قَبۡلُ فَقَالَتۡ هَلۡ أَدُلُّكُمۡ عَلَىٰٓ أَهۡلِ بَيۡتٖ يَكۡفُلُونَهُۥ لَكُمۡ وَهُمۡ لَهُۥ نَٰصِحُونَ

އަދި އޭގެކުރިން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް (އެކަލޭގެފާނުގެ މައިކަމަނާ މެނުވީ) އެހެން ކިރުމައިން حرام ކުރެއްވީމެވެ. ދެން އެކަލޭގެފާނުގެ أخت ބުންޏެވެ. ތިޔަބައިމީހުންނަށްޓަކައި، އޭނާ ބަލަހައްޓައިދޭނެ ގެއެއްގެ أهل ވެރިން ތިޔަބައިމީހުންނަށް ތިމަން ދައްކަންހެއްޔެވެ؟ އަދި އެއުރެން އޭނާ ރަނގަޅަށް ބަލަހައްޓާނެތެވެ
Surah Al-Qasas, Verse 12


فَرَدَدۡنَٰهُ إِلَىٰٓ أُمِّهِۦ كَيۡ تَقَرَّ عَيۡنُهَا وَلَا تَحۡزَنَ وَلِتَعۡلَمَ أَنَّ وَعۡدَ ٱللَّهِ حَقّٞ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ

ފަހެ، ތިމަންރަސްކަލާނގެ، އެކަލޭގެފާނުގެ މައިކަމަނާއަށް އެކަލޭގެފާނު ރައްދުކުރެއްވީމެވެ. އެއީ އެކަމަނާގެ ލޯފުޅަށް ފިނިކަން حاصل ވުމަށްޓަކައެވެ. އަދި އެކަމަނާ ހިތާމަ ނުކުރެއްވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ، حق ތެދުކަން އެކަމަނާ ދެނެގަތުމަށްޓަކައެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް އެކަމެއް ނޭނގެތެވެ
Surah Al-Qasas, Verse 13


وَلَمَّا بَلَغَ أَشُدَّهُۥ وَٱسۡتَوَىٰٓ ءَاتَيۡنَٰهُ حُكۡمٗا وَعِلۡمٗاۚ وَكَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ

އަދި އެކަލޭގެފާނު ބޮޑުފުޅުވެ، ފުރާފުރިހަމަވިހިނދު ތިމަންރަސްކަލާނގެ އެކަލޭގެފާނަށް حكمة އާއި، علم ދެއްވީމެވެ. إحسان ތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ
Surah Al-Qasas, Verse 14


وَدَخَلَ ٱلۡمَدِينَةَ عَلَىٰ حِينِ غَفۡلَةٖ مِّنۡ أَهۡلِهَا فَوَجَدَ فِيهَا رَجُلَيۡنِ يَقۡتَتِلَانِ هَٰذَا مِن شِيعَتِهِۦ وَهَٰذَا مِنۡ عَدُوِّهِۦۖ فَٱسۡتَغَٰثَهُ ٱلَّذِي مِن شِيعَتِهِۦ عَلَى ٱلَّذِي مِنۡ عَدُوِّهِۦ فَوَكَزَهُۥ مُوسَىٰ فَقَضَىٰ عَلَيۡهِۖ قَالَ هَٰذَا مِنۡ عَمَلِ ٱلشَّيۡطَٰنِۖ إِنَّهُۥ عَدُوّٞ مُّضِلّٞ مُّبِينٞ

އަދި އެރަށުގެ أهل ވެރިން، غافل ކަމުގައިތިބި ތަންވަޅެއްގައި އެކަލޭގެފާނު ރަށުތެރެއަށް ވެދެވަޑައިގަތެވެ. ދެން އެކަލޭގެފާނަށް ފެނިވަޑައިގަތީ، ތަޅާފޮޅާ ދެމީހެކެވެ. އެތަނުން އެކަަކީ، އެކަލޭގެފާނުގެ ބައިގެ މީހެކެވެ. އަނެކަކީ އެކަލޭގެފާނުގެ عدوّ ންގެ ތެރެއިންވާ މީހެކެވެ. ފަހެ، އެކަލޭގެފާނުގެ عدوّ ންގެ ތެރެއިންވާ މީހާއާ ދެކޮޅަށް އެކަލޭގެފާނުގެ ބައިގެ މީހާއަށް ވާގިދެއްވުންއެދި އެކަލޭގެފާނަށް އޭނާ ގޮވައިލިއެވެ. އެހިނދު موسى ގެފާނު އޭނާގެ ގައިގައި މުށްކަވާފައި ޖެއްސެވިއެވެ. ފަހެ (އެހިނދު) އޭނާގެ ކަންތައް ނިންމަވައިލެއްވިއެވެ. (އެބަހީ: އޭނާގެ ގައިގައި ޖެއްސެވުމުން، އޭނާ މަރުވީއެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. މިކަންތައްމިވީ شيطان އާގެ عمل ގެ ތެރެއިންނެވެ. ހަމަކަށަވަރުން، އެ شيطان އާއީ، ބަޔާންވެގެންހުރި މަގުފުރައްދާ عداوة ތެރިޔެކެވެ
Surah Al-Qasas, Verse 15


قَالَ رَبِّ إِنِّي ظَلَمۡتُ نَفۡسِي فَٱغۡفِرۡ لِي فَغَفَرَ لَهُۥٓۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ

އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ نفس އަށް އަޅު އަނިޔާކޮށްފީމެވެ. ފަހެ، މިއަޅާޔަށް އިބަރަސްކަލާނގެ ފާފަފުއްސަވާނދޭވެ! ދެން އެކަލާނގެ، އެކަލޭގެފާނަށް ފާފަފުއްސެވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ
Surah Al-Qasas, Verse 16


قَالَ رَبِّ بِمَآ أَنۡعَمۡتَ عَلَيَّ فَلَنۡ أَكُونَ ظَهِيرٗا لِّلۡمُجۡرِمِينَ

އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާޔަށް نعمة ދެއްވާފައިވާތީ، ފަހެ، ދުވަހަކުވެސް ކުށްވެރިންނަށް ވާގިވެރިވާ މީހެއްކަމުގައި މިއަޅާ ނުވާހުށީމެވެ
Surah Al-Qasas, Verse 17


فَأَصۡبَحَ فِي ٱلۡمَدِينَةِ خَآئِفٗا يَتَرَقَّبُ فَإِذَا ٱلَّذِي ٱسۡتَنصَرَهُۥ بِٱلۡأَمۡسِ يَسۡتَصۡرِخُهُۥۚ قَالَ لَهُۥ مُوسَىٰٓ إِنَّكَ لَغَوِيّٞ مُّبِينٞ

ފަހެ، އެކަލޭގެފާނު އެރަށުގައި ބިރުވެރި حال ގައި (އަތުވެދާނެ ނުރައްކަލަކަށް) انتظار ކޮށްކޮށް ހުންނެވިއެވެ. ފަހެ، އެހާރުން އެކަލޭގެފާނުގެ އަރިހުން ކުރީދުވަހު އެހީއަށް އެދުނުމީހާ (އަނެއްކާވެސް) އެކަލޭގެފާނުގެ ކިބައިން އެހީއަށްއެދި ގޮވައިލިއެވެ. موسى ގެފާނު އޭނާއަށް ވިދާޅުވިއެވެ. ހަމަކަށަވަރުން، ކަލެޔަކީ، ފާޅުވެގެންހުރި ފުރެދުންތެރިއެއްކަން ކަށަވަރެވެ
Surah Al-Qasas, Verse 18


فَلَمَّآ أَنۡ أَرَادَ أَن يَبۡطِشَ بِٱلَّذِي هُوَ عَدُوّٞ لَّهُمَا قَالَ يَٰمُوسَىٰٓ أَتُرِيدُ أَن تَقۡتُلَنِي كَمَا قَتَلۡتَ نَفۡسَۢا بِٱلۡأَمۡسِۖ إِن تُرِيدُ إِلَّآ أَن تَكُونَ جَبَّارٗا فِي ٱلۡأَرۡضِ وَمَا تُرِيدُ أَن تَكُونَ مِنَ ٱلۡمُصۡلِحِينَ

ފަހެ، އެ ދެމީހުންގެ عداوة ތެރިޔަކު ކަމުގައިވާ މީހާގެ މައްޗަށް ގަދަކަން ދެއްކެވުމަށް އެކަލޭގެފާނު ހީފުޅުކުރެއްވިހިނދު، އެމީހާ ބުންޏެވެ. އޭ موسى ގެފާނެވެ! ކަލޭގެފާނު އިއްޔެ މީހަކު މެރުއްވިފަދައިން، ތިމަންވެސް މެރުއްވުމަށް ގަސްދުކުރައްވަނީތޯއެވެ؟ ބިމުގައި جبّار އަކަށްވެގެން އުޅުއްވުން މެނުވީ ކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމުއެވެ. އަދި إصلاح ކުރާ މީހުންގެ ތެރެއިން ވުމަކަށްވެސް ކަލޭގެފާނު އެދިވަޑަައެއް ނުގަންނަވަމުއެވެ
Surah Al-Qasas, Verse 19


وَجَآءَ رَجُلٞ مِّنۡ أَقۡصَا ٱلۡمَدِينَةِ يَسۡعَىٰ قَالَ يَٰمُوسَىٰٓ إِنَّ ٱلۡمَلَأَ يَأۡتَمِرُونَ بِكَ لِيَقۡتُلُوكَ فَٱخۡرُجۡ إِنِّي لَكَ مِنَ ٱلنَّـٰصِحِينَ

އަދި އެރަށުގެ އެންމެދުރު ފަރާތުން މީހަކު ދުވަމުންއައިސް ދެންނެވިއެވެ. އޭ موسى ގެފާނެވެ. ހަމަކަށަވަރުން، ރަށުގެ ބޮޑުން ކަލޭގެފާނު قتل ކުރުމަށް އެބަ ސައްލާކުރެތެވެ. ފަހެ، ކަލޭގެފާނު (މިރަށުން) ނުކުމެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންވަނީ ކަލޭގެފާނަށް نصيحة ތެރިވާ މީހުންގެ ތެރެއިންނެވެ
Surah Al-Qasas, Verse 20


فَخَرَجَ مِنۡهَا خَآئِفٗا يَتَرَقَّبُۖ قَالَ رَبِّ نَجِّنِي مِنَ ٱلۡقَوۡمِ ٱلظَّـٰلِمِينَ

ފަހެ، އެކަލޭގެފާނު ބިރުވެރި حال ގައި (އަތުވެދާނެ ނުރައްކަލަކަށް) انتظار ކުރައްވަމުން އެރަށުން ނުކުމެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އަނިޔާވެރިވި މީހުންގެ ކިބައިން މިއަޅާ ސަލާމަތްކުރައްވާނދޭވެ
Surah Al-Qasas, Verse 21


وَلَمَّا تَوَجَّهَ تِلۡقَآءَ مَدۡيَنَ قَالَ عَسَىٰ رَبِّيٓ أَن يَهۡدِيَنِي سَوَآءَ ٱلسَّبِيلِ

އަދި އެކަލޭގެފާނު مدين އާ ދިމާއަށް ވަޑައިގެންނެވިހިނދު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާނގެ މިއަޅާއަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށިއެވެ
Surah Al-Qasas, Verse 22


وَلَمَّا وَرَدَ مَآءَ مَدۡيَنَ وَجَدَ عَلَيۡهِ أُمَّةٗ مِّنَ ٱلنَّاسِ يَسۡقُونَ وَوَجَدَ مِن دُونِهِمُ ٱمۡرَأَتَيۡنِ تَذُودَانِۖ قَالَ مَا خَطۡبُكُمَاۖ قَالَتَا لَا نَسۡقِي حَتَّىٰ يُصۡدِرَ ٱلرِّعَآءُۖ وَأَبُونَا شَيۡخٞ كَبِيرٞ

އަދި އެކަލޭގެފާނު مدين ގެ ފެންވަޅުގެ ކައިރިޔަށް ވަޑައިގެންނެވިހިނދު، މީސްތަކުންގެ ތެރެއިން ގިނަބަޔަކު (އެއުރެންގެ ޖަނަވާރުތަކަށް) ފެންދެނިކޮށް އެކަލޭގެފާނު ދެކެވަޑައިގެންނެވިއެވެ. އަދި އެއުރެންނާ ތަންކޮޅެއް ދުރުގައި ދެއަންހެނަކު ތިބެގެން (އެއުރެންގެ ޖަނަވާރުތައް) ދުރަށް ޖައްސާތީ ދެކެވަޑައިގެންނެވިއެވެ. (އެހިނދު) އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަ ދެމީހުން ތިޔަހެން ހަދަނީ ކީއްވެގެން ހެއްޔެވެ؟ އެ ދެ އަންހެނުން ދެންނެވިއެވެ. ޖަނަވާރުތައް ހުއިހައްޕާމީހުން (އެއުރެންގެ ޖަނަވާރުތަކަށް ފެންދީ) ދުރަށް ހިނގައްޖައުމަށް ދާނދެން، ތިމަންމެންގެ ޖަނަވާރަށް ތިމަންމެންނަކަށް ފެނެއް ނުދެވޭނެތެވެ. އަދި އަހުރެމެންގެ ބައްޕައަކީ (އެފަދަކަމެއް ކުރެއްވޭވަރަށްވުރެ) عمر ން ދުވަސްވެފައިވާ މުސްކުޅިއެކެވެ
Surah Al-Qasas, Verse 23


فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰٓ إِلَى ٱلظِّلِّ فَقَالَ رَبِّ إِنِّي لِمَآ أَنزَلۡتَ إِلَيَّ مِنۡ خَيۡرٖ فَقِيرٞ

ފަހެ، އެކަލޭގެފާނު (އެ ދެ އަންހެނުންގެ ޖަނަވާރުތަކަށްޓަކައި) އެ ދެ އަންހެނުންނަށް ފެންދެއްވިއެވެ. ދެން އެކަލޭގެފާނު އެނބުރި (ގަހެއްގެ) ހިޔަލަށް ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ
Surah Al-Qasas, Verse 24


فَجَآءَتۡهُ إِحۡدَىٰهُمَا تَمۡشِي عَلَى ٱسۡتِحۡيَآءٖ قَالَتۡ إِنَّ أَبِي يَدۡعُوكَ لِيَجۡزِيَكَ أَجۡرَ مَا سَقَيۡتَ لَنَاۚ فَلَمَّا جَآءَهُۥ وَقَصَّ عَلَيۡهِ ٱلۡقَصَصَ قَالَ لَا تَخَفۡۖ نَجَوۡتَ مِنَ ٱلۡقَوۡمِ ٱلظَّـٰلِمِينَ

ފަހެ، އެ ދެ އަންހެނުންކުރެ އެކަކު ލަދުރަކިގޮތެއްގައި ހިނގާފައި އެކަލޭގެފާނުގެ އަރިހަށްއައިސް ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންގެ ބައްޕާ ކަލޭގެފާނަށް އެބަގޮވައިލައްވައެވެ. (އެއީ) ކަލޭގެފާނު ތިމަންމެންނަށް ފެން ދެއްވިކަމުގެ މައްޗަށް އުޖޫރައެއް ދެއްވުމަށްޓަކައެވެ. ފަހެ، އެކަލޭގެފާނު އެކަލޭގެފާނުގެ އަރިހަށް (އެބަހީ: އެ ދެ އަންހެންކުދިންގެ ބައްޕާގެ އަރިހަށް) ވަޑައިގެން އެކަލޭގެފާނުގެ ވާހަކަ ކިޔައިދެއްވި ހިނދު، އެކަލޭގެފާނު (އެބަހީ: އެ ދެ އަންހެންކުދިންގެ ބައްޕާ) ވިދާޅުވިއެވެ. ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! އަނިޔާވެރިވީ މީހުންގެ ކިބައިން ކަލޭގެފާނު ސަލާމަތް ވެވަޑައިގެންފީމުއެވެ
Surah Al-Qasas, Verse 25


قَالَتۡ إِحۡدَىٰهُمَا يَـٰٓأَبَتِ ٱسۡتَـٔۡجِرۡهُۖ إِنَّ خَيۡرَ مَنِ ٱسۡتَـٔۡجَرۡتَ ٱلۡقَوِيُّ ٱلۡأَمِينُ

އެ ދެ އަންހެނުންކުރެ އެކަކު ދެންނެވިއެވެ. އޭ ބައްޕާއެވެ! އޭނާއަށް ނޯކިރީއެއް ދެއްވާފައި ބަހައްޓަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ނޯކަރެއް ކަމުގައި ބަހައްޓަވަން އެންމެރަނގަޅު މީހަކީ، ގައިބާރުހުރި އަމާނާތްތެރިޔެކެވެ
Surah Al-Qasas, Verse 26


قَالَ إِنِّيٓ أُرِيدُ أَنۡ أُنكِحَكَ إِحۡدَى ٱبۡنَتَيَّ هَٰتَيۡنِ عَلَىٰٓ أَن تَأۡجُرَنِي ثَمَٰنِيَ حِجَجٖۖ فَإِنۡ أَتۡمَمۡتَ عَشۡرٗا فَمِنۡ عِندِكَۖ وَمَآ أُرِيدُ أَنۡ أَشُقَّ عَلَيۡكَۚ سَتَجِدُنِيٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰلِحِينَ

އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަން ގަސްދުކުރަނީ ތިމަންގެ މިތިބަ ދެ އަންހެން ދަރިންކުރެ އެކަކު، ކަލޭގެފާނާ ދެވުމަށެވެ. އަށްއަހަރު ވަންދެން ތިމަންނާއަށް خدمة ކޮށްދެއްވުމުގެ شرط ގެ މަތިންނެވެ. ފަހެ، ދިހައަހަރު ކަލޭގެފާނު ހަމަކުރައްވައިފިނަމަ، އެއީ ކަލޭގެފާނުގެ ހެޔޮފުޅުކަމެވެ. އަދި ކަލޭގެފާނަށް އުނދަގޫކުރާކަށް ތިމަން ނޭދެމެވެ. اللَّه އިރާދަކުރެއްވިއްޔާ ތިމަންނާއީ صالح ންގެ ތެރެއިންވާ މީހެއްކަން ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ
Surah Al-Qasas, Verse 27


قَالَ ذَٰلِكَ بَيۡنِي وَبَيۡنَكَۖ أَيَّمَا ٱلۡأَجَلَيۡنِ قَضَيۡتُ فَلَا عُدۡوَٰنَ عَلَيَّۖ وَٱللَّهُ عَلَىٰ مَا نَقُولُ وَكِيلٞ

އެކަލޭގެފާނު (އެބަހީ: موسى ގެފާނު) ވިދާޅުވިއެވެ. އެއީ ތިމަންނާއާ ކަލޭގެފާނާ ދެމެދު އެއްބަސްވީގޮތެވެ. ދެ މުއްދަތުންކުރެ ކޮންމެ މުއްދަތެއް ތިމަން ވޭތިކުރިޔަސް، ފަހެ، ތިމަންގެ މައްޗަކަށް ދެކޮޅުވެރިވުމެއްނެތެވެ. އަދި ތިމަންމެން މި ބުނާބަހުގެ މައްޗަށް اللَّه ހެކިވެވޮޑިގެންވެއެވެ
Surah Al-Qasas, Verse 28


۞فَلَمَّا قَضَىٰ مُوسَى ٱلۡأَجَلَ وَسَارَ بِأَهۡلِهِۦٓ ءَانَسَ مِن جَانِبِ ٱلطُّورِ نَارٗاۖ قَالَ لِأَهۡلِهِ ٱمۡكُثُوٓاْ إِنِّيٓ ءَانَسۡتُ نَارٗا لَّعَلِّيٓ ءَاتِيكُم مِّنۡهَا بِخَبَرٍ أَوۡ جَذۡوَةٖ مِّنَ ٱلنَّارِ لَعَلَّكُمۡ تَصۡطَلُونَ

ފަހެ، موسى ގެފާނު އެ މުއްދަތު ހަމަކުރައްވައި، އެކަލޭގެފާނުގެ أهل ވެރިންނާއެކު (ދަތުރުކުރައްވައި) ވަޑައިގެންނެވިހިނދު، طور ފަރުބަދައިގެ ކައިރިން އަލިފާންގަނޑެއް ފެނިވަޑައިގަތެވެ. އެކަލޭގެފާނު، އެކަލޭގެފާނުގެ أهل ވެރިންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން މިތާ ތިބޭށެވެ! ހަމަކަށަވަރުން، ތިމަންނާއަށް އަލިފާންގަނޑެއް ފެނިއްޖެއެވެ. ތިޔަބައިމީހުންގެ ގާތަށް އެތަނުން خبر އެއް ނުވަތަ ތިޔަބައިމީހުން ހީފިލުވުމަށް އަލިފާންކޮޅެއް ގެނެސްދެވޭތޯ ބަލާހުށީމެވެ
Surah Al-Qasas, Verse 29


فَلَمَّآ أَتَىٰهَا نُودِيَ مِن شَٰطِيِٕ ٱلۡوَادِ ٱلۡأَيۡمَنِ فِي ٱلۡبُقۡعَةِ ٱلۡمُبَٰرَكَةِ مِنَ ٱلشَّجَرَةِ أَن يَٰمُوسَىٰٓ إِنِّيٓ أَنَا ٱللَّهُ رَبُّ ٱلۡعَٰلَمِينَ

ފަހެ، އެކަލޭގެފާނު އެ އަލިފާންގަނޑުގެ ކައިރިޔަށް ވަޑައިގަތްހިނދު، ވާދީގެ ކަނާތްފަރާތުގައިވާ بركات ތެރި ތަނަކުން ގަހެއްގެ ތެރެއިން އެކަލޭގެފާނަށް ނިދާއިއްވެވިއެވެ. އޭ موسى ގެފާނެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، عالم ތަކުގެ ވެރި اللَّه އެވެ
Surah Al-Qasas, Verse 30


وَأَنۡ أَلۡقِ عَصَاكَۚ فَلَمَّا رَءَاهَا تَهۡتَزُّ كَأَنَّهَا جَآنّٞ وَلَّىٰ مُدۡبِرٗا وَلَمۡ يُعَقِّبۡۚ يَٰمُوسَىٰٓ أَقۡبِلۡ وَلَا تَخَفۡۖ إِنَّكَ مِنَ ٱلۡأٓمِنِينَ

އަދި ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ! ފަހެ، އެ އަސާކޮޅު (އެއްލެވީމާ) ހަރުފައެއް ފަދައިން ހެލިފެލިވާތީ އެކަލޭގެފާނު ދެކެވަޑައިގަތްހިނދު (ބިރުފުޅުން) ފުރަގަަސްދެއްވައި ދުވެވަޑައިގަތެވެ. އަދި އެނބުރި ވަޑައެއްނުގަތެވެ. (وحى އިއްވެވިއެވެ.) އޭ موسى ގެފާނެވެ! ކުރިމަތިލައްވައި ވަޑައިގަންނަވާށެވެ! އަދި ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުވަނީ އަމާންކަން ލިބިގެންވާ މީހުންގެ ތެރެއިންނެވެ
Surah Al-Qasas, Verse 31


ٱسۡلُكۡ يَدَكَ فِي جَيۡبِكَ تَخۡرُجۡ بَيۡضَآءَ مِنۡ غَيۡرِ سُوٓءٖ وَٱضۡمُمۡ إِلَيۡكَ جَنَاحَكَ مِنَ ٱلرَّهۡبِۖ فَذَٰنِكَ بُرۡهَٰنَانِ مِن رَّبِّكَ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦٓۚ إِنَّهُمۡ كَانُواْ قَوۡمٗا فَٰسِقِينَ

އަދި ކަލޭގެފާނު ހެދުންކޮޅުގެ މަންސަފާއަށް އަތްޕުޅު ލައްވާށެވެ! އެއްވެސް ބަލިމަޑުކަމެއްގެ ނުބަޔަކާނުލައި، ހުދުކޮށް (ވިދަވިދާ އޮންނަ ގޮތުގައި) އެ އަތްޕުޅު ނުކުންނާނެތެވެ. އަދި ކަލޭގެފާނުގެ އަތްޕުޅު، ބިރުވެރިކަމުން ކަލޭގެފާނުގެ އަރިކަށިފުޅަށް ލަފައިލައްވާށެވެ! ފަހެ، އެ ދެކަންތަކަކީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން فرعون އާއި، އޭނާގެ ބޮޑުންނަށް (ދެއްކެވުމަށް) ވާ ދެ حجّة އެވެ. ހަމަކަށަވަރުން، فاسق ބަޔަކު ކަމުގައި އެއުރެންވޫއެވެ
Surah Al-Qasas, Verse 32


قَالَ رَبِّ إِنِّي قَتَلۡتُ مِنۡهُمۡ نَفۡسٗا فَأَخَافُ أَن يَقۡتُلُونِ

އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، މިއަޅާވަނީ، އެއުރެންގެ ތެރެއިން މީހަކު قتل ކޮށްފައެވެ. ފަހެ، އެއުރެން މިއަޅާ قتل ކޮށްފާނެތީ، މިއަޅާ ބިރުގަނެތެވެ
Surah Al-Qasas, Verse 33


وَأَخِي هَٰرُونُ هُوَ أَفۡصَحُ مِنِّي لِسَانٗا فَأَرۡسِلۡهُ مَعِيَ رِدۡءٗا يُصَدِّقُنِيٓۖ إِنِّيٓ أَخَافُ أَن يُكَذِّبُونِ

އަދި މިއަޅާގެ أخ، هارون މިއަޅާއަށްވުރެ ދޫފަސޭހަކަން ބޮޑެވެ. ފަހެ، އަޅުގެ ބަސްތެދުކޮށް އަޅާއަށް އެހީތެރިވުމަށް މިއަޅާއަށް އެކުގައި އެކަލޭގެފާނު رسول ކަމާއިގެން ފޮނުއްވައިފާނދޭވެ! ހަމަކަށަވަރުން، އެއުރެން މިއަޅާ ދޮގުކޮށްފާނެކަމަށް މިއަޅާ ބިރުގަނެތެވެ
Surah Al-Qasas, Verse 34


قَالَ سَنَشُدُّ عَضُدَكَ بِأَخِيكَ وَنَجۡعَلُ لَكُمَا سُلۡطَٰنٗا فَلَا يَصِلُونَ إِلَيۡكُمَا بِـَٔايَٰتِنَآۚ أَنتُمَا وَمَنِ ٱتَّبَعَكُمَا ٱلۡغَٰلِبُونَ

އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނުގެ أخ ފޮނުއްވުމުން ކަލޭގެފާނުގެ މުލައްދަނޑިފުޅަށް ތިމަންރަސްކަލާނގެ ގަދަކަން ދެއްވާހުށީމެވެ. އަދި ތިޔަ ދެކަލުންނަށް ބާރެއް ދެއްވާހުށީމެވެ. ފަހެ، ތިމަންރަސްކަލާނގެ ދެއްވި معجزات ގެ ސަބަބުން، އެއުރެންނަކަށް ތިޔަ ދެކަލުންނާ ހަމައަށް (އުނދަގުލެއް ދޭކަށް) ނާދެވޭހުށްޓެވެ. ތިޔަ ދެކަލުންނާއި، ތިޔަ ދެކަލުންނަށް تبع ވީ މީހުންނަކީ (نصر ލިބި) ގަދަވާނޭ މީހުންނެވެ
Surah Al-Qasas, Verse 35


فَلَمَّا جَآءَهُم مُّوسَىٰ بِـَٔايَٰتِنَا بَيِّنَٰتٖ قَالُواْ مَا هَٰذَآ إِلَّا سِحۡرٞ مُّفۡتَرٗى وَمَا سَمِعۡنَا بِهَٰذَا فِيٓ ءَابَآئِنَا ٱلۡأَوَّلِينَ

ފަހެ، ބަޔާންވެގެންވާ حال، ތިމަންރަސްކަލާނގެ ހެކިތަކާއިގެން موسى ގެފާނު އެއުރެންގެ ގާތަށް ވަޑައިގަތްހިނދު، އެއުރެން ބުނޫއެވެ. މިއީ އަމިއްލައަށް ހަދައިގެންއުޅޭ ޖާދޫއެއްކަމުގައި ނޫނީ ނުވެތެވެ. އަދި ތިމަންމެންގެ ކުރީގައި އުޅުނު ކާބަފައިންގެ ތެރޭގައިވެސް މިފަދަ ވާހަކައެއް (ވާކަމަކަށް) ތިމަންމެން ނާހަމުއެވެ
Surah Al-Qasas, Verse 36


وَقَالَ مُوسَىٰ رَبِّيٓ أَعۡلَمُ بِمَن جَآءَ بِٱلۡهُدَىٰ مِنۡ عِندِهِۦ وَمَن تَكُونُ لَهُۥ عَٰقِبَةُ ٱلدَّارِۚ إِنَّهُۥ لَا يُفۡلِحُ ٱلظَّـٰلِمُونَ

އަދި موسى ގެފާނު ވިދާޅުވިއެވެ. އެކަލާނގެ حضرة ން ތެދުމަގާއިގެން އައީ ކާކުކަން، އަދި آخرة ދުވަހުން تعريف ލިބިގެންވާ ނިމުމެއް ލިބޭނީ ކާކަށްކަން، އެންމެމޮޅަށް ދެނެވޮޑިގެންވަނީ ތިމަންމެންގެ ވެރިރަސްކަލާނގެއެވެ. ހަމަކަށަވަރުން، އަނިޔާވެރިންނެއް ނުދިނޭނެތެވެ
Surah Al-Qasas, Verse 37


وَقَالَ فِرۡعَوۡنُ يَـٰٓأَيُّهَا ٱلۡمَلَأُ مَا عَلِمۡتُ لَكُم مِّنۡ إِلَٰهٍ غَيۡرِي فَأَوۡقِدۡ لِي يَٰهَٰمَٰنُ عَلَى ٱلطِّينِ فَٱجۡعَل لِّي صَرۡحٗا لَّعَلِّيٓ أَطَّلِعُ إِلَىٰٓ إِلَٰهِ مُوسَىٰ وَإِنِّي لَأَظُنُّهُۥ مِنَ ٱلۡكَٰذِبِينَ

فرعون ބުންޏެވެ. އޭ (އަހުރެންގެ قوم ގެ) ބޮޑުންނޭވެ! އަހުރެން ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަށް ވާކަމެއް އަހުރެންނަށް އެނގިފައެއް ނުވެތެވެ. އޭ هامان އެވެ! އަހުރެންނަށް މަށިން އީޓު ހަދައިދޭށެވެ! އަދި އަހުރެންނަށް އުސްގަނޑުވަރެއް ތައްޔާރުކޮށްދޭށެވެ! (އެއީ) موسى ގެފާނުންގެ إله އަހުރެންނަށް ފެނޭތޯއެވެ. އަދި ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ، އެކަލޭގެފާނުވަނީ ދޮގުވެރިންގެ ތެރެއިން ކަމަށެވެ
Surah Al-Qasas, Verse 38


وَٱسۡتَكۡبَرَ هُوَ وَجُنُودُهُۥ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَظَنُّوٓاْ أَنَّهُمۡ إِلَيۡنَا لَا يُرۡجَعُونَ

އަދި އޭނާއާއި، އޭނާގެ لشكر حق އަކާ ނުލައި ބިމުގައި ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ حضرة އަށް އެއުރެން އަނބުރާ رجوع ނުކުރައްވާނެކަމަށް އެއުރެން ހީކުރޫއެވެ
Surah Al-Qasas, Verse 39


فَأَخَذۡنَٰهُ وَجُنُودَهُۥ فَنَبَذۡنَٰهُمۡ فِي ٱلۡيَمِّۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلظَّـٰلِمِينَ

ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ لشكر ހިއްޕަވައި، ދެން ތިމަންރަސްކަލާނގެ އެއުރެން ކަނޑު ލެއްވީމެވެ. ފަހެ، އަނިޔާވެރިންގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ
Surah Al-Qasas, Verse 40


وَجَعَلۡنَٰهُمۡ أَئِمَّةٗ يَدۡعُونَ إِلَى ٱلنَّارِۖ وَيَوۡمَ ٱلۡقِيَٰمَةِ لَا يُنصَرُونَ

އަދި ނަރަކަޔަށް (ވަނުމަށް މީސްތަކުންނަށް) ގޮވާ زعيم ން ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. އަދި قيامة ދުވަހުން އެއުރެންނަކަށް نصر އެއް ނުލިބޭނެތެވެ
Surah Al-Qasas, Verse 41


وَأَتۡبَعۡنَٰهُمۡ فِي هَٰذِهِ ٱلدُّنۡيَا لَعۡنَةٗۖ وَيَوۡمَ ٱلۡقِيَٰمَةِ هُم مِّنَ ٱلۡمَقۡبُوحِينَ

އަދި ތިމަންރަސްކަލާނގެ މިދުނިޔެމަތީގައިވެސް، އެއުރެންނަށް لعنة ލެއްވީމެވެ. އަދި قيامة ދުވަހުގައި، އެއުރެންނީ (اللَّه ގެ رحمة ން) ދުރުކުރައްވާފައިވާ ބަޔެކެވެ
Surah Al-Qasas, Verse 42


وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ مِنۢ بَعۡدِ مَآ أَهۡلَكۡنَا ٱلۡقُرُونَ ٱلۡأُولَىٰ بَصَآئِرَ لِلنَّاسِ وَهُدٗى وَرَحۡمَةٗ لَّعَلَّهُمۡ يَتَذَكَّرُونَ

އަދި ހަމަކަށަވަރުން، އިހުގެ جيل ތައް ހަލާކު ކުރެއްވުމަށްފަހުގައި، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) މީސްތަކުންނަށް ހުރި عبرة އެއް ކަމުގައްޔާއި، ތެދުމަގެއް ކަމުގައްޔާއި، رحمة އެއް ކަމުގައެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ
Surah Al-Qasas, Verse 43


وَمَا كُنتَ بِجَانِبِ ٱلۡغَرۡبِيِّ إِذۡ قَضَيۡنَآ إِلَىٰ مُوسَى ٱلۡأَمۡرَ وَمَا كُنتَ مِنَ ٱلشَّـٰهِدِينَ

(އޭ محمد ގެފާނެވެ!) އަދި ތިމަންރަސްކަލާނގެ موسى ގެފާނަށް أمر ތައް ކަނޑައެޅުއްވިހިނދު (ފަރުބަދައިގެ) ހުޅަނގުފަރާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ. އަދި (އެތަނަށް) حاضر ވި މީހުންގެ ތެރެޔަކުންވެސް ކަލޭގެފާނު ވެވަޑައިގެން ނުވަމުއެވެ
Surah Al-Qasas, Verse 44


وَلَٰكِنَّآ أَنشَأۡنَا قُرُونٗا فَتَطَاوَلَ عَلَيۡهِمُ ٱلۡعُمُرُۚ وَمَا كُنتَ ثَاوِيٗا فِيٓ أَهۡلِ مَدۡيَنَ تَتۡلُواْ عَلَيۡهِمۡ ءَايَٰتِنَا وَلَٰكِنَّا كُنَّا مُرۡسِلِينَ

އެހެނެއްކަމަކު (އޭގެފަހަށް) ތިމަންރަސްކަލާނގެ އެތައް جيل އެއްގެ މީހުން އުފެއްދެވީމެވެ. ފަހެ، އެއުރެންގެ މައްޗަށް ޒަމާން ދިގުވެގެންދިޔައެވެ. އަދި مدين ގެ أهل ވެރިންގެ ތެރޭގައި އެއުރެންނަށް ތިމަންރަސްކަލާނގެ آية ތައް ކިޔަވައި ދެއްވާކަށް ކަލޭގެފާނު ނުހުންނަވަމުއެވެ. އެހެނެއްކަމަކު، ކަލޭގެފާނު رسول ކަމާއިގެން ފޮނުއްވީ (އަދި އެ خبر ތައް ކަލޭގެފާނަށް އެންގެވީ) ތިމަންރަސްކަލާނގެއެވެ
Surah Al-Qasas, Verse 45


وَمَا كُنتَ بِجَانِبِ ٱلطُّورِ إِذۡ نَادَيۡنَا وَلَٰكِن رَّحۡمَةٗ مِّن رَّبِّكَ لِتُنذِرَ قَوۡمٗا مَّآ أَتَىٰهُم مِّن نَّذِيرٖ مِّن قَبۡلِكَ لَعَلَّهُمۡ يَتَذَكَّرُونَ

(އޭ محمد ގެފާނެވެ!) އަދި ތިމަންރަސްކަލާނގެ (موسى ގެފާނަށް) ނިދާއިއްވެވިހިނދު، طور ފަރުބަދައިގެ ކައިރިއަކު ކަލޭގެފާނު ވަޑައިގެންނުވަމުއެވެ. އެހެނެއްކަމަކު (ކަލޭގެފާނު ފޮނުއްވާފައިވަނީ) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ންވާ رحمة އެއް ކަމުގައެވެ. (އެއީ) ކަލޭގެފާނުގެ ކުރީގައި އެއުރެންގެގާތަށް إنذار ކުރައްވާ رسول އަކު ވަޑައިގެންފައިނުވާ قوم އެއްގެ މީހުންނަށް إنذار ކުރެއްވުމަށްޓަކައެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ
Surah Al-Qasas, Verse 46


وَلَوۡلَآ أَن تُصِيبَهُم مُّصِيبَةُۢ بِمَا قَدَّمَتۡ أَيۡدِيهِمۡ فَيَقُولُواْ رَبَّنَا لَوۡلَآ أَرۡسَلۡتَ إِلَيۡنَا رَسُولٗا فَنَتَّبِعَ ءَايَٰتِكَ وَنَكُونَ مِنَ ٱلۡمُؤۡمِنِينَ

އަދި އެއުރެންގެ އަތްތަކުން އިސްކުޅަ عمل ތަކުގެ ސަބަބުން އެއުރެންނަށް مصيبة އެއް ނުޖެހޭނެނަމަ (ތިމަންރަސްކަލާނގެ رسول ބޭކަލުން ނުފޮނުއްވީމުހެވެ.) ފަހެ، އޭރުން އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ގާތަށް އިބަރަސްކަލާނގެ رسول އަކު ނުފޮނުއްވީ ކީއްވެގެންތޯއެވެ؟ އޭރުން އަޅަމެން އިބަރަސްކަލާނގެ آية ތަކަށް تبع ވެ، مؤمن ންގެ ތެރެއިން ވެއްޖައީމުހެވެ
Surah Al-Qasas, Verse 47


فَلَمَّا جَآءَهُمُ ٱلۡحَقُّ مِنۡ عِندِنَا قَالُواْ لَوۡلَآ أُوتِيَ مِثۡلَ مَآ أُوتِيَ مُوسَىٰٓۚ أَوَلَمۡ يَكۡفُرُواْ بِمَآ أُوتِيَ مُوسَىٰ مِن قَبۡلُۖ قَالُواْ سِحۡرَانِ تَظَٰهَرَا وَقَالُوٓاْ إِنَّا بِكُلّٖ كَٰفِرُونَ

ފަހެ، ތިމަންރަސްކަލާނގެ حضرة ން އެއުރެންގެގާތަށް حق ތެދުމަގު އައިހިނދު (އެބަހީ: ތެދުމަގާއިގެން محمد ގެފާނު ވަޑައިގަތްހިނދު) އެއުރެން ބުނޫއެވެ. موسى ގެފާނަށް ދެއްވިފަދަ معجزات ތަކެއް އެކަލޭގެފާނަށް ނުދެއްވީ ކީއްވެގެން ހެއްޔެވެ؟ މީގެކުރިން موسى ގެފާނަށް ދެއްވި އެއްޗަކަށް، އެއުރެން ފަހެ، كافر ވެފައެއް ނުވޭހެއްޔެވެ؟ އެއުރެން ބުނޫއެވެ. (توراة އާއި قرآن އަކީ) އެކަތި އަނެކައްޗަށް ވާގިވެރިވާ ދެ ޖާދޫއެކެވެ. އަދި އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، އެއިންކޮންމެ އެއްޗަކަށް ތިމަންމެން كافر ވަމުއެވެ
Surah Al-Qasas, Verse 48


قُلۡ فَأۡتُواْ بِكِتَٰبٖ مِّنۡ عِندِ ٱللَّهِ هُوَ أَهۡدَىٰ مِنۡهُمَآ أَتَّبِعۡهُ إِن كُنتُمۡ صَٰدِقِينَ

ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުވެރިން ކަމުގައިވާނަމަ، ފަހެ، އެ ދެފޮތަށްވުރެ ތެދުމަގު ދެއްކުންބޮޑު ފޮތެއް، ތިމަންކަލޭގެފާނު އެއަށް تبع ވުމަށް، اللَّه ގެ حضرة ން ތިޔަބައިމީހުން ނިކަން ގެނެސްބަލާށެވެ
Surah Al-Qasas, Verse 49


فَإِن لَّمۡ يَسۡتَجِيبُواْ لَكَ فَٱعۡلَمۡ أَنَّمَا يَتَّبِعُونَ أَهۡوَآءَهُمۡۚ وَمَنۡ أَضَلُّ مِمَّنِ ٱتَّبَعَ هَوَىٰهُ بِغَيۡرِ هُدٗى مِّنَ ٱللَّهِۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ

ފަހެ، އެއުރެން ކަލޭގެފާނަށް އިޖާބަ ނުދިންނަމަ (އެބަހީ: ކަލޭގެފާނު އެއުރެންގެ ކިބައިން އެދިވަޑައިގެންނެވި ކަންތައް، އެއުރެންނަށް ނުކުރެވިއްޖެނަމަ) ފަހެ، ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެއުރެން އެ تبع ވަނީ، ހަމައެކަނި އެއުރެންގެ (ނުބައި) އެދުންތަކަށެވެ. އަދި اللَّه ގެ حضرة ން ތެދުމަގަކާނުލައި، އެމީހެއްގެ އަމިއްލަ އެދުމަށް تبع ވީ މީހަކަށްވުރެ މަގުފުރެދުންބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ
Surah Al-Qasas, Verse 50


۞وَلَقَدۡ وَصَّلۡنَا لَهُمُ ٱلۡقَوۡلَ لَعَلَّهُمۡ يَتَذَكَّرُونَ

އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ وحى ގެ ބަސްފުޅު (އެބަހީ: قرآن) ވިދިވިދިގެން ބާވައިލައްވައި، އެއުރެންނާ ހަމަޔަށް ގެނެސްދެއްވީމެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ
Surah Al-Qasas, Verse 51


ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ مِن قَبۡلِهِۦ هُم بِهِۦ يُؤۡمِنُونَ

މީގެކުރިން ތިމަންރަސްކަލާނގެ ފޮތްދެއްވި މީހުން (އެބަހީ: توراة އާއި إنجيل ގެ أهل ވެރިންކުރެ إسلام ވި މީހުން) އެފޮތަށް (އެބަހީ: قرآن އަށް) إيمان ވެއެވެ
Surah Al-Qasas, Verse 52


وَإِذَا يُتۡلَىٰ عَلَيۡهِمۡ قَالُوٓاْ ءَامَنَّا بِهِۦٓ إِنَّهُ ٱلۡحَقُّ مِن رَّبِّنَآ إِنَّا كُنَّا مِن قَبۡلِهِۦ مُسۡلِمِينَ

އަދި އެއުރެންނަށް އެ ފޮތް ކިޔަވައިދެވޭހިނދު އެއުރެން ބުނެތެވެ. ތިމަންމެން އެެ ފޮތަށް إيمان ވެއްޖައީމުއެވެ. ހަމަކަށަވަރުން، އެއީ ތިމަންމެންގެ ވެރިރަސްކަލާނގެ حضرة ން އައި حق ތެދެވެ. ހަމަކަށަވަރުން، ތިމަންމެން މީގެކުރީގައިވެސް مسلم ން ކަމުގައިވީމުއެވެ
Surah Al-Qasas, Verse 53


أُوْلَـٰٓئِكَ يُؤۡتَوۡنَ أَجۡرَهُم مَّرَّتَيۡنِ بِمَا صَبَرُواْ وَيَدۡرَءُونَ بِٱلۡحَسَنَةِ ٱلسَّيِّئَةَ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ

އެއުރެންނީ، ކެތްތެރިވިކަމަށްޓަކައި، އެއުރެންނަށް ދެފަހަރަށް ދަރުމަ ދެއްވާނޭ މީހުންނެވެ. އަދި އެއުރެން ހެއުކަންތައް މެދުވެރިކޮށް ނުބައިކަންތައް دفاع ކުރެތެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން އެއުރެން ހޭދަކުރެތެވެ
Surah Al-Qasas, Verse 54


وَإِذَا سَمِعُواْ ٱللَّغۡوَ أَعۡرَضُواْ عَنۡهُ وَقَالُواْ لَنَآ أَعۡمَٰلُنَا وَلَكُمۡ أَعۡمَٰلُكُمۡ سَلَٰمٌ عَلَيۡكُمۡ لَا نَبۡتَغِي ٱلۡجَٰهِلِينَ

އަދި އެއުރެންނަށް ބޭކާރު ވާހަކަ އިވޭހިނދު، އެއުރެން އެއިން އެއްކިބާވެގަނެތެވެ. އަދި އެއުރެން ބުނެތެވެ. ތިމަންމެންނަށް، ތިމަންމެންގެ عمل ތަކެވެ. އަދި ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ عمل ތަކެވެ. ތިމަންމެންނާ ތިޔަބައިމީހުންނާ ވަތްކެވެ. (އެހެނީ) ތިމަންމެން جاهل ންނާއެކު އުޅުމަކަށް ނޭދެމުއެވެ
Surah Al-Qasas, Verse 55


إِنَّكَ لَا تَهۡدِي مَنۡ أَحۡبَبۡتَ وَلَٰكِنَّ ٱللَّهَ يَهۡدِي مَن يَشَآءُۚ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ

ހަމަކަށަވަރުން، ކަލޭގެފާނު އެދިވަޑައިގަންނަވާހާ މީހަކަށް ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެތެވެ. އެހެނެއްކަމަކު، اللَّه، އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ތެދުމަގު ދައްކަވަތެވެ. އަދި ތެދުމަގު ލިބެނިވި މީހުން މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ
Surah Al-Qasas, Verse 56


وَقَالُوٓاْ إِن نَّتَّبِعِ ٱلۡهُدَىٰ مَعَكَ نُتَخَطَّفۡ مِنۡ أَرۡضِنَآۚ أَوَلَمۡ نُمَكِّن لَّهُمۡ حَرَمًا ءَامِنٗا يُجۡبَىٰٓ إِلَيۡهِ ثَمَرَٰتُ كُلِّ شَيۡءٖ رِّزۡقٗا مِّن لَّدُنَّا وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ

އަދި އެއުރެން ބުނޫއެވެ. ތިމަންމެން ކަލޭގެފާނާއެކު ތެދުމަގަށް تبع ވެއްޖެނަމަ، ތިމަންމެން ރަށުން ތިމަންމެން ޖަހައިގަނެވޭ ހުށްޓެވެ. أمان ކަން ލިބިގެންވާ حرم އެއް ތިމަންރަސްކަލާނގެ އެއުރެންނަށްޓަކައި ނުލައްވަންހެއްޔެވެ؟ އެތަނަށް ތިމަންރަސްކަލާނގެ حضرة ން ލިބެނިވި رزق އެއްގެ ގޮތުގައި، ހުރިހާ ބާވަތެއްގެ މޭވާ ގެނެވެއެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުން އެކަމެއް ނުދަނެތެވެ
Surah Al-Qasas, Verse 57


وَكَمۡ أَهۡلَكۡنَا مِن قَرۡيَةِۭ بَطِرَتۡ مَعِيشَتَهَاۖ فَتِلۡكَ مَسَٰكِنُهُمۡ لَمۡ تُسۡكَن مِّنۢ بَعۡدِهِمۡ إِلَّا قَلِيلٗاۖ وَكُنَّا نَحۡنُ ٱلۡوَٰرِثِينَ

އަދި އެއުރެންނަށް ދެއްވި ދިރިއުޅުމުގެ ތަނަވަސްކަމުގެ މައްޗަށް كبر ވެރިވެގެން އުޅުނު ކިތައްކިތައް ރަށުގެ أهل ވެރިން ތިމަންރަސްކަލާނގެ ހަލާކުކޮށްލެއްވިން ހެއްޔެވެ؟ ފަހެ، އެއުރެންގެ ގެދޮރު (ފެންނާން) އެހުރީއެވެ. ވަރަށްމަދު ހިނދުކޮޅެއްގައި މެނުވީ، އެއިން ގެއެއްގައި އެއުރެންނަށްފަހު، މީހަކަށް ނޫޅެވެތެވެ. އަދި ދެމިހުންނަނިވި ވާރުތަވެރިޔަކީވެސް ތިމަންރަސްކަލާނގެއެވެ. (އެބަހީ: އެންމެހާ ތަކެތި ފަނާވެދިއުމަށްފަހުވެސް ދިރިދެމިވޮޑިގެންވަނީ ތިމަންރަސްކަލާނގެއެވެ)
Surah Al-Qasas, Verse 58


وَمَا كَانَ رَبُّكَ مُهۡلِكَ ٱلۡقُرَىٰ حَتَّىٰ يَبۡعَثَ فِيٓ أُمِّهَا رَسُولٗا يَتۡلُواْ عَلَيۡهِمۡ ءَايَٰتِنَاۚ وَمَا كُنَّا مُهۡلِكِي ٱلۡقُرَىٰٓ إِلَّا وَأَهۡلُهَا ظَٰلِمُونَ

އަދި ރަށްތަކުގެ ތެރެއިން މައިރަށަށް، ތިމަންރަސްކަލާނގެ آية ތައް ކިޔަވައި ވިދާޅުވެ ދެއްވާނޭ رسول އަކު ފޮނުއްވައިފުމަށް ދާނދެން ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެރަށްތައް ހަލާކުކޮށެއް ނުލައްވަތެވެ. އެތަންތާނގެ أهل ވެރިން އަނިޔާވެރިވާ حال ގައި މެނުވީ، ތިމަންރަސްކަލާނގެ އެރަށްތައް ހަލާކެއް ނުކުރައްވަމެވެ
Surah Al-Qasas, Verse 59


وَمَآ أُوتِيتُم مِّن شَيۡءٖ فَمَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَا وَزِينَتُهَاۚ وَمَا عِندَ ٱللَّهِ خَيۡرٞ وَأَبۡقَىٰٓۚ أَفَلَا تَعۡقِلُونَ

އަދި ތިޔަބައިމީހުންނަށް ދެއްވި ކޮންމެ އެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފަލެކެވެ. އަދި އެތާނގެ ޒީނަތްތެރިކަމެވެ. އަދި اللَّه ގެ حضرة ގައިވާ ތަކެތި ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭ ހެއްޔެވެ؟
Surah Al-Qasas, Verse 60


أَفَمَن وَعَدۡنَٰهُ وَعۡدًا حَسَنٗا فَهُوَ لَٰقِيهِ كَمَن مَّتَّعۡنَٰهُ مَتَٰعَ ٱلۡحَيَوٰةِ ٱلدُّنۡيَا ثُمَّ هُوَ يَوۡمَ ٱلۡقِيَٰمَةِ مِنَ ٱلۡمُحۡضَرِينَ

ފަހެ، އެމީހަކަށް ރިވެތިވެގެންވާ وعد އަކުން ތިމަންރަސްކަލާނގެ وعد ކުރައްވާފައިވާ، އަދި އެ وعد ކުރެއްވެވިކަމެއް ލިބެނިވި މީހަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފާ ތިމަންރަސްކަލާނގެ އެމީހަކަށް ދެއްވި މީހަކާ އެއްފަދަ މީހެއް ހެއްޔެވެ؟ ދެން قيامة ދުވަހުން، އެމީހާވާހުށީ (عقوبات ލިބުމަށް) حاضر ކުރައްވާ މީހުންގެ ތެރެއިންނެވެ
Surah Al-Qasas, Verse 61


وَيَوۡمَ يُنَادِيهِمۡ فَيَقُولُ أَيۡنَ شُرَكَآءِيَ ٱلَّذِينَ كُنتُمۡ تَزۡعُمُونَ

އަދި އެއުރެންނަށް (އެބަހީ: مشرك ންނަށް) އެކަލާނގެ ނިދާ އިއްވަވާ ދުވަސް (ހަނދުމަކުރާށެވެ!) ފަހެ، އެކަލާނގެ (އެދުވަހުން އެއުރެން ދެރަކޮށްލެއްވުމުގެގޮތުން) وحى ކުރައްވާނެތެވެ. ތިމަންރަސްކަލާނގެއަށްވާ شريك ން ކަމުގައި ތިޔަބައިމީހުން ހީކޮށްގެން އުޅުނު ތަކެތި ކޮބައިހެއްޔެވެ؟
Surah Al-Qasas, Verse 62


قَالَ ٱلَّذِينَ حَقَّ عَلَيۡهِمُ ٱلۡقَوۡلُ رَبَّنَا هَـٰٓؤُلَآءِ ٱلَّذِينَ أَغۡوَيۡنَآ أَغۡوَيۡنَٰهُمۡ كَمَا غَوَيۡنَاۖ تَبَرَّأۡنَآ إِلَيۡكَۖ مَا كَانُوٓاْ إِيَّانَا يَعۡبُدُونَ

އެއުރެންގެ މައްޗަށް (ކޯފާގެ) ބަސްފުޅު حق ވީ މީހުން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! މިތިބީ އަޅަމެން މަގުފުރެއްދި މީހުންނެވެ. އަޅަމެން، އެއުރެން މަގުފުރެއްދީ، އަޅަމެންވެސް މަގުފުރެދުނު ފަދައިންނެވެ. އިބަރަސްކަލާނގެ حضرة އަށް އެއުރެންގެ ކިބައިން އަޅަމެން ބަރީއަވެއްޖައީމުއެވެ. އެއުރެން އަޅުކަންކޮށް އުޅުނީ އަޅަމެންނަކަށް ނޫނެވެ
Surah Al-Qasas, Verse 63


وَقِيلَ ٱدۡعُواْ شُرَكَآءَكُمۡ فَدَعَوۡهُمۡ فَلَمۡ يَسۡتَجِيبُواْ لَهُمۡ وَرَأَوُاْ ٱلۡعَذَابَۚ لَوۡ أَنَّهُمۡ كَانُواْ يَهۡتَدُونَ

އަދި (ދެރަކޮށްލެއްވުމުގެގޮތުން) އަންގަވާ ހުށްޓެވެ. ތިޔަބައިމީހުންގެ شريك ންނަށް ތިޔަބައިމީހުން ގޮވާށެވެ! ފަހެ، އެއުރެން އެ شريك ންނަށް ގޮވާނެތެވެ. އެ شريك ން އެއުރެންނަކަށް އިޖާބައެއް ނުދޭނެތެވެ. އަދި އެއުރެންނަށް عذاب ފެންނަ ހުށްޓެވެ. އެހިނދު، އެއުރެންނަށް ތެދުމަގު ލިބުނުނަމަ، ކިހާރަނގަޅުހޭ އެއުރެން ހިތަށް އަރާނެތެވެ
Surah Al-Qasas, Verse 64


وَيَوۡمَ يُنَادِيهِمۡ فَيَقُولُ مَاذَآ أَجَبۡتُمُ ٱلۡمُرۡسَلِينَ

އަދި އެއުރެންނަށް (އެބަހީ: مشرك ންނަށް) އެކަލާނގެ ނިދާ އިއްވަވާ ދުވަސް (ހަނދުމަކުރާށެވެ!) ފަހެ، އެކަލާނގެ وحى ކުރައްވާނެތެވެ. (ތިމަންރަސްކަލާނގެ ފޮނުއްވި) رسول ންނަށް ތިޔަބައިމީހުން ދިނީ ކޮން ޖަވާބެއް ހެއްޔެވެ؟
Surah Al-Qasas, Verse 65


فَعَمِيَتۡ عَلَيۡهِمُ ٱلۡأَنۢبَآءُ يَوۡمَئِذٖ فَهُمۡ لَا يَتَسَآءَلُونَ

ފަހެ، އެދުވަހުން (ރަނގަޅު ޖަވާބެއް ދިނުމަށް) خبر ތައް އެއުރެންގެ މައްޗަށް ފަރުދާވެގެން ހިނގައިދާހުށްޓެވެ. ފަހެ، އެއުރެން (حيران ވެފައިވާލެއް ބޮޑުކަމުން) އެކަކު އަނެކަކާ سؤال ވެސް ކޮށްނުލާނެތެވެ
Surah Al-Qasas, Verse 66


فَأَمَّا مَن تَابَ وَءَامَنَ وَعَمِلَ صَٰلِحٗا فَعَسَىٰٓ أَن يَكُونَ مِنَ ٱلۡمُفۡلِحِينَ

ފަހެ، توبة ވެ، إيمان ވެ، صالح عمل ކުޅަމީހާ ދަންނާށެވެ! ފަހެ، އޭނާ ކާމިޔާބުވާ މީހުންގެ ތެރެއިންވުންގާތެވެ
Surah Al-Qasas, Verse 67


وَرَبُّكَ يَخۡلُقُ مَا يَشَآءُ وَيَخۡتَارُۗ مَا كَانَ لَهُمُ ٱلۡخِيَرَةُۚ سُبۡحَٰنَ ٱللَّهِ وَتَعَٰلَىٰ عَمَّا يُشۡرِكُونَ

ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވަތެވެ. އަދި އެކަލާނގެ ރުއްސަވައިފި އަޅަކު (ނަބީކަމަށް) خيار ކުރައްވަތެވެ. އެއުރެންނަކަށް خيار ކުރުމެއް ނެތެވެ. އެއުރެން شريك ކުރާ ތަކެތިން اللَّه ހުސްطاهر ވެ މަތިވެރިވެ ވޮޑިގެންވެއެވެ
Surah Al-Qasas, Verse 68


وَرَبُّكَ يَعۡلَمُ مَا تُكِنُّ صُدُورُهُمۡ وَمَا يُعۡلِنُونَ

އަދި އެއުރެންގެ ހިތްތަކުގައި ވަންހަނާކުރާ ތަކެއްޗާއި، އެއުރެން ފާޅުކުރާ ތަކެތި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ
Surah Al-Qasas, Verse 69


وَهُوَ ٱللَّهُ لَآ إِلَٰهَ إِلَّا هُوَۖ لَهُ ٱلۡحَمۡدُ فِي ٱلۡأُولَىٰ وَٱلۡأٓخِرَةِۖ وَلَهُ ٱلۡحُكۡمُ وَإِلَيۡهِ تُرۡجَعُونَ

އަދި އެކަލާނގެއީ، اللَّه އެވެ. އެކަލާނގެ މެނުވީ، އެހެން إله އަކު ނުވެއެވެ. ދުނިޔެއާއި، آخرة ގައި، އެންމެހާ تعريف އާއި، ثناء މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި ނިޔާކުރެއްވުން މިލްކުވެގެންވަނީވެސް އެކަލާނގެއަށެވެ. އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ
Surah Al-Qasas, Verse 70


قُلۡ أَرَءَيۡتُمۡ إِن جَعَلَ ٱللَّهُ عَلَيۡكُمُ ٱلَّيۡلَ سَرۡمَدًا إِلَىٰ يَوۡمِ ٱلۡقِيَٰمَةِ مَنۡ إِلَٰهٌ غَيۡرُ ٱللَّهِ يَأۡتِيكُم بِضِيَآءٍۚ أَفَلَا تَسۡمَعُونَ

ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) ނިކަން خبر ދީ ބަލާށެވެ! ތިޔަބައިމީހުންގެ މައްޗަށް ރޭގަނޑު (ބަދަލެއްނުވެ) قيامة ދުވަހާ ޖެހެންދެން ދެމިއޮންނަ އެއްޗެއް ކަމުގައި اللَّه ލެއްވިނަމަ، ތިޔަބައިމީހުންނަށް (ދުވާލުގެ) އަލިކަން ގެނެސްދޭނީ، اللَّه ފިޔަވައި އެހެން ކޮން إله އެއް ހެއްޔެވެ؟ ފަހެ، ތިޔަބައިީހުންނަށް ނީވެނީހެއްޔެވެ؟
Surah Al-Qasas, Verse 71


قُلۡ أَرَءَيۡتُمۡ إِن جَعَلَ ٱللَّهُ عَلَيۡكُمُ ٱلنَّهَارَ سَرۡمَدًا إِلَىٰ يَوۡمِ ٱلۡقِيَٰمَةِ مَنۡ إِلَٰهٌ غَيۡرُ ٱللَّهِ يَأۡتِيكُم بِلَيۡلٖ تَسۡكُنُونَ فِيهِۚ أَفَلَا تُبۡصِرُونَ

ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) ނިކަން خبر ދީ ބަލާށެވެ! ތިޔަބައިމީހުންގެ މައްޗަށް ދުވާލު (ބަދަލެއްނުވެ) قيامة ދުވަހާ ޖެހެންދެން ދެމިއޮންނަ އެއްޗެއް ކަމުގައި اللَّه ލެއްވިނަމަ، ތިޔަބައިމީހުން އަރާމުކުރަން ތިބޭނޭ ރޭގަނޑެއް ތިޔަބައިމީހުންނަށް ގެނެސްދޭނީ، اللَّه ފިޔަވައި އެހެން ކޮން إله އެއް ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟
Surah Al-Qasas, Verse 72


وَمِن رَّحۡمَتِهِۦ جَعَلَ لَكُمُ ٱلَّيۡلَ وَٱلنَّهَارَ لِتَسۡكُنُواْ فِيهِ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ

އެކަލާނގެ رحمة ވަންތަކަމުން ތިޔަބައިމީހުން އަރާމުކުރުމަށާއި، އެކަލާނގެ فضل ވަންތަކަމުން ދެއްވާ رزق ހޯދުމަށް މަސައްކަތް ކުރުމަށް، އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ރޭގަނޑާއި، ދުވާލު ލެއްވިއެވެ. (އެއީ) ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ
Surah Al-Qasas, Verse 73


وَيَوۡمَ يُنَادِيهِمۡ فَيَقُولُ أَيۡنَ شُرَكَآءِيَ ٱلَّذِينَ كُنتُمۡ تَزۡعُمُونَ

އަދި އެއުރެންނަށް (އެބަހީ: مشرك ންނަށް) އެކަލާނގެ ނިދާ އިއްވަވާ ދުވަސް (ހަނދުމަކުރާށެވެ!) ފަހެ، އެކަލާނގެ (އެދުވަހުން އެއުރެން ދެރަކޮށްލެއްވުމުގެގޮތުން) وحى ކުރައްވާނެތެވެ. ތިމަންރަސްކަލާނގެއަށްވާ شريك ން ކަމުގައި ތިޔަބައިމީހުން ހީކޮށްއުޅުނު ތަކެތި ކޮބައިހެއްޔެވެ؟
Surah Al-Qasas, Verse 74


وَنَزَعۡنَا مِن كُلِّ أُمَّةٖ شَهِيدٗا فَقُلۡنَا هَاتُواْ بُرۡهَٰنَكُمۡ فَعَلِمُوٓاْ أَنَّ ٱلۡحَقَّ لِلَّهِ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ

އަދި ތިމަންރަސްކަލާނގެ ކޮންމެ أمّة އަކުން ހެކިވާނޭ މީހަކު ނެރުއްވާ ހުށީމެވެ. (އެއީ އެ أمّة ގެ ނަބިއްޔާއެވެ.) ދެން ތިމަންރަސްކަލާނގެ (أمّة ތަކަށް) وحى ކުރައްވާ ހުށީމެވެ. ތިޔަބައިމީހުންގެ ދަލީލު ތިޔަބައިމީހުން ގެންނާށެވެ! ފަހެ، އެހިނދު (إله ވަންތަކަން) حق ވެގެންވަނީ (ހަމައެކަނި) اللَّه އަށްކަން އެއުރެންނަށް އެނގޭނެތެވެ. އަދި އެއުރެން އަމިއްލައަށް ހަދައިގެން އުޅުނު ދޮގުތައް އެއުރެންނަށް ގެއްލި ހިނގައިދާނެތެވެ
Surah Al-Qasas, Verse 75


۞إِنَّ قَٰرُونَ كَانَ مِن قَوۡمِ مُوسَىٰ فَبَغَىٰ عَلَيۡهِمۡۖ وَءَاتَيۡنَٰهُ مِنَ ٱلۡكُنُوزِ مَآ إِنَّ مَفَاتِحَهُۥ لَتَنُوٓأُ بِٱلۡعُصۡبَةِ أُوْلِي ٱلۡقُوَّةِ إِذۡ قَالَ لَهُۥ قَوۡمُهُۥ لَا تَفۡرَحۡۖ إِنَّ ٱللَّهَ لَا يُحِبُّ ٱلۡفَرِحِينَ

ހަމަކަށަވަރުން، قارون އަކީ، موسى ގެފާނުގެ قوم ގެމީހުންގެ ތެރެއިންވީ މީހެކެވެ. ފަހެ، އޭނާ އެއުރެންގެ މައްޗަށް ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ އޭނާއަށް ގިނަވެގެންވާ (މުދާތަކުގެ) خزانة ތައް ދެއްވީމެވެ. ހަމަކަށަވަރުން، ވަރުގަދަ جماعة އެއްގެ މީހުންނަށް، އެ خزانة ތަކުގެ ތަޅުދަނޑިތައް އުފުލުންވަނީ ބުރަވެފައެވެ. އޭނާގެ قوم ގެމީހުން އޭނާއަށް ބުނިހިނދެވެ. (كبر ވެރިވުމުގެގޮތުން) އުފާ ނުކުރާށެވެ! ހަމަކަށަވަރުން، ބޮޑާވުމުގެގޮތުން އުފާކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ
Surah Al-Qasas, Verse 76


وَٱبۡتَغِ فِيمَآ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلۡأٓخِرَةَۖ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنۡيَاۖ وَأَحۡسِن كَمَآ أَحۡسَنَ ٱللَّهُ إِلَيۡكَۖ وَلَا تَبۡغِ ٱلۡفَسَادَ فِي ٱلۡأَرۡضِۖ إِنَّ ٱللَّهَ لَا يُحِبُّ ٱلۡمُفۡسِدِينَ

އަދި ތިބާޔަށް اللَّه ދެއްވި ތަކެތިން (ހެޔޮގޮތުގައި ހޭދަކުރުމުން) آخرة ގެ ގޮވައްޗަށް އެދޭށެވެ! (އެބަހީ: آخرة ގެ ދިންނެވުމާއި، رحمة އާއި، ثواب އަށް އެދޭށެވެ!) އަދި ދުނިޔެއިން ތިބާޔަށް ލިބެންވީބައި ހަނދާން ނައްތައިނުލާށެވެ! އަދި اللَّه، ތިބާޔަށް إحسان ތެރިވެވޮޑިގަތް ފަދައިން، ތިބާވެސް (اللَّه ގެ އަޅުތަކުންނަށް) إحسان ތެރިވާށެވެ! އަދި ބިމުގައި فساد އުފެއްދުމަށް ތިބާ އެދިނޫޅޭށެވެ! ހަމަކަށަވަރުން، فساد ކުރާ މީހުންދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ
Surah Al-Qasas, Verse 77


قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلۡمٍ عِندِيٓۚ أَوَلَمۡ يَعۡلَمۡ أَنَّ ٱللَّهَ قَدۡ أَهۡلَكَ مِن قَبۡلِهِۦ مِنَ ٱلۡقُرُونِ مَنۡ هُوَ أَشَدُّ مِنۡهُ قُوَّةٗ وَأَكۡثَرُ جَمۡعٗاۚ وَلَا يُسۡـَٔلُ عَن ذُنُوبِهِمُ ٱلۡمُجۡرِمُونَ

އޭނާ ބުންޏެވެ. ތިމަންނާއަށް އެ މުދާ ލިބުނުކަން ކަށަވަރީ، ތިމަންގެ ކިބައިގައިވާ علم ވެރިކަމަކުންނެވެ. ހަމަކަށަވަރުން، އޭނާގެ ކުރިން އިސްވެދިޔަ جيل ތަކުން އޭނާޔަށްވުރެ މާވަރުގަދަ އަދި މުދާ ގިނަމީހުން اللَّه ހަލާކުކުރެއްވިކަން އޭނާޔަށް ނޭނގެނީހެއްޔެވެ؟ އަދި ކުށްވެރިންނަކަށް، އެއުރެންގެ ފާފަތަކާމެދު سؤال އެއް ނުކުރައްވާނެތެވެ. (އެބަހީ: އެއުރެންނާ سؤال ކުރެއްވުމުގެ ބޭނުމެއްނެތެވެ. اللَّه ހުރިހާކަމެއް ދެނެވޮޑިގެންވެތެވެ)
Surah Al-Qasas, Verse 78


فَخَرَجَ عَلَىٰ قَوۡمِهِۦ فِي زِينَتِهِۦۖ قَالَ ٱلَّذِينَ يُرِيدُونَ ٱلۡحَيَوٰةَ ٱلدُّنۡيَا يَٰلَيۡتَ لَنَا مِثۡلَ مَآ أُوتِيَ قَٰرُونُ إِنَّهُۥ لَذُو حَظٍّ عَظِيمٖ

ފަހެ، އޭނާ (އެބަހީ: قارون) އޭނާގެ މުއްސަނދިކަމާއި ޒީނަތްތެރިކަމާއެކު، އޭނާގެ قوم ގެ ތެރެޔަށް ނުކުތެވެ. ދުނިޔޭގެ ދިރިއުޅުން އެދޭމީހުން ބުނޫއެވެ. قارون އަށް ލިބުނުފަދަ މުއްސަނދިކަމެއް ތިމަންމެންނަށްވެސް ލިބުނުނަމަ، ކިހާރަނގަޅުވީސްހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ބޮޑުވެގެންވާ نصيب އެއްގެ ވެރިޔެއްކަން ކަށަވަރެވެ
Surah Al-Qasas, Verse 79


وَقَالَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ وَيۡلَكُمۡ ثَوَابُ ٱللَّهِ خَيۡرٞ لِّمَنۡ ءَامَنَ وَعَمِلَ صَٰلِحٗاۚ وَلَا يُلَقَّىٰهَآ إِلَّا ٱلصَّـٰبِرُونَ

އަދި علم ލިބިގެންވާ މީހުން ބުނޫއެވެ. ތިޔަބައިމީހުންނަށް ހަލާކުހުށްޓެވެ. إيمان ވެ صالح عمل ކުޅަމީހަކަށް، اللَّه ގެ ثواب (قارون ގެ މުދާވެރިކަމަށްވުރެ) މާހެޔޮކަން ބޮޑެވެ. އަދި ކެތްތެރިންނަށް މެނުވީ، އެ ދަރަޖައެއް ނުލިބޭނެތެވެ
Surah Al-Qasas, Verse 80


فَخَسَفۡنَا بِهِۦ وَبِدَارِهِ ٱلۡأَرۡضَ فَمَا كَانَ لَهُۥ مِن فِئَةٖ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلۡمُنتَصِرِينَ

ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ (خزانة ތަކާއި) ގެއާއެކުގައި، ބިންގަނޑު ގަންބަވައިގެންނެވީމެވެ. ފަހެ، اللَّه އާ ދެކޮޅަށް އޭނާޔަށް نصر ދޭނޭ އެއްވެސްބަޔެއް ނުވިއެވެ. އަދި نصر ލިބޭނޭ މީހުންގެ ތެރެއިންވެސް އޭނާ ނުވިއެވެ
Surah Al-Qasas, Verse 81


وَأَصۡبَحَ ٱلَّذِينَ تَمَنَّوۡاْ مَكَانَهُۥ بِٱلۡأَمۡسِ يَقُولُونَ وَيۡكَأَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ مِنۡ عِبَادِهِۦ وَيَقۡدِرُۖ لَوۡلَآ أَن مَّنَّ ٱللَّهُ عَلَيۡنَا لَخَسَفَ بِنَاۖ وَيۡكَأَنَّهُۥ لَا يُفۡلِحُ ٱلۡكَٰفِرُونَ

އަދި އިއްޔެ އޭނާގެ ދަރަޖައަށް (އެބަހީ: قارون ގެ މުދާވެރިކަމަށާއި ދަރަޖައަށް) އެދުނުމީހުން ބުނާކަމުގައިވިއެވެ. ކަލެޔަކަށް ނުފެނޭހެއްޔެވެ؟ اللَّه، އެކަލާނގެ އަޅުތަކުންކުރެ އިރާދަކުރެއްވި އަޅަކަށް رزق ތަނަވަސް ކޮށްދެއްވައި، އަދި (އެކަލާނގެ އިރާދަކުރެއްވި އަޅަކަށް رزق) ދަތިކުރައްވަތެވެ. اللَّه، އަޅަމެންގެ މައްޗަށް ދަރުމަވަންތަވެ ވޮޑިނުގަތްނަމަ، އަޅަމެންވެސް ގަންބަވައިގަންނަވައިފީހެވެ. ކަލެޔަކަށް ނުފެނޭހެއްޔެވެ؟ كافر ންނެއް ނުދިނޭނެތެވެ
Surah Al-Qasas, Verse 82


تِلۡكَ ٱلدَّارُ ٱلۡأٓخِرَةُ نَجۡعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوّٗا فِي ٱلۡأَرۡضِ وَلَا فَسَادٗاۚ وَٱلۡعَٰقِبَةُ لِلۡمُتَّقِينَ

އެއީ آخرة ގެ (نعمة ގެ) ގޮވައްޗެވެ. އެ ގޮވަތި ތިމަންރަސްކަލާނގެ ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި فساد ކުރުމެއްވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮނިމުންވަނީ تقوى ވެރިންނަށެވެ
Surah Al-Qasas, Verse 83


مَن جَآءَ بِٱلۡحَسَنَةِ فَلَهُۥ خَيۡرٞ مِّنۡهَاۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجۡزَى ٱلَّذِينَ عَمِلُواْ ٱلسَّيِّـَٔاتِ إِلَّا مَا كَانُواْ يَعۡمَلُونَ

ހެޔޮކަމާއިގެން އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެއަށްވުރެ ހެޔޮވެގެންވާ ثواب (آخرة ގައި) ހުށްޓެވެ. އަދި ނުބައިކަމާއިގެން އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ނުބައިކަންތައް ކުރިމީހުންނަށް އެއުރެން ކޮށްއުޅުނު عمل ތަކަށް މެނުވީ ޖަޒާއެއް ނުލިބޭހުށްޓެވެ
Surah Al-Qasas, Verse 84


إِنَّ ٱلَّذِي فَرَضَ عَلَيۡكَ ٱلۡقُرۡءَانَ لَرَآدُّكَ إِلَىٰ مَعَادٖۚ قُل رَّبِّيٓ أَعۡلَمُ مَن جَآءَ بِٱلۡهُدَىٰ وَمَنۡ هُوَ فِي ضَلَٰلٖ مُّبِينٖ

ހަމަކަށަވަރުން، ކަލޭގެފާނަށް قرآن ބާވައިލެއްވި ރަސްކަލާނގެ ކަލޭގެފާނުގެ އުފަން ރަށަށް (އެބަހީ: مكة އަށް) ކަލޭގެފާނު އަނބުރާ ފޮނުއްވާ ހުށްޓެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތެދުމަގާއިގެން އައިމީހާއާއި، ފާޅުވެގެންވާ ފުރެދުމެއްގައިވާމީހާ، އެންމެ މޮޅަށް ދެނެވޮޑިގެންވަނީ، އަހުރެންގެ ވެރިރަސްކަލާނގެއެވެ
Surah Al-Qasas, Verse 85


وَمَا كُنتَ تَرۡجُوٓاْ أَن يُلۡقَىٰٓ إِلَيۡكَ ٱلۡكِتَٰبُ إِلَّا رَحۡمَةٗ مِّن رَّبِّكَۖ فَلَا تَكُونَنَّ ظَهِيرٗا لِّلۡكَٰفِرِينَ

އަދި ކަލޭގޭފާނަށް ފޮތް ބާވައިލައްވާނެ ކަމަކަށް ކަލޭގެފާނު އުންމީދެއް ނުކުރައްވަމުއެވެ. އެހެނެއްކަމަކު ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ން އެ ފޮތް ކަލޭގެފާނަށް ބާވައިލެއްވިއެވެ. ފަހެ، ކަލޭގެފާނު އެއްވެސް حال އެއްގައި كافر ންނަށް ވާގިވެރިޔަކު ކަމުގައި ވެވަޑައިނުގަންނަވާ ހުށިކަމެވެ
Surah Al-Qasas, Verse 86


وَلَا يَصُدُّنَّكَ عَنۡ ءَايَٰتِ ٱللَّهِ بَعۡدَ إِذۡ أُنزِلَتۡ إِلَيۡكَۖ وَٱدۡعُ إِلَىٰ رَبِّكَۖ وَلَا تَكُونَنَّ مِنَ ٱلۡمُشۡرِكِينَ

އަދި اللَّه ގެ آية ތައް ކަލޭގެފާނަށް ބާވައިލެއްވުމަށްފަހުގައި، އެ آية ތަކުން އެއުރެން ކަލޭގެފާނު އެއްކިބާކުރިޔަ ނުދެއްވާހުށިކަމެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ دين އަށް (މީސްތަކުންނަށް) ގޮވައިލައްވާށެވެ! އަދި مشرك ންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާ ހުށިކަމެވެ
Surah Al-Qasas, Verse 87


وَلَا تَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَۘ لَآ إِلَٰهَ إِلَّا هُوَۚ كُلُّ شَيۡءٍ هَالِكٌ إِلَّا وَجۡهَهُۥۚ لَهُ ٱلۡحُكۡمُ وَإِلَيۡهِ تُرۡجَعُونَ

އަދި اللَّه އާ އެކުގައި އެހެން إله އަކަށް ތިބާ دعاء ކޮށް އަޅުކަން ނުކުރާށެވެ! އެކަލާނގެ މެނުވީ، حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވެއެވެ. އެކަލާނގެ ذات ފުޅު މެނުވީ، އެހެން ހުރިހާ ތަކެއްޗެއް ފަނާވެދާހުށްޓެވެ. ނިޔާކުރެއްވުންވަނީ، ހަމައެކަނި އެކަލާނގެއަށެވެ. އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީވެސް އެކަލާނގެ حضرة އަށެވެ
Surah Al-Qasas, Verse 88


Author: Office Of The President Of Maldives


<< Surah 27
>> Surah 29

Divehi Translations by other Authors


Divehi Translation By Office Of The President Of Maldives
Popular Areas
Apartments for rent in Dubai Apartments for rent Abu Dhabi Villas for rent in Dubai House for rent Abu Dhabi Apartments for sale in Dubai Apartments for sale in Abu Dhabi Flat for rent Sharjah
Popular Searches
Studios for rent in UAE Apartments for rent in UAE Villas for rent in UAE Apartments for sale in UAE Villas for sale in UAE Land for sale in UAE Dubai Real Estate
Trending Areas
Apartments for rent in Dubai Marina Apartments for sale in Dubai Marina Villa for rent in Sharjah Villa for sale in Dubai Flat for rent in Ajman Studio for rent in Abu Dhabi Villa for rent in Ajman
Trending Searches
Villa for rent in Abu Dhabi Shop for rent in Dubai Villas for sale in Ajman Studio for rent in Sharjah 1 Bedroom Apartment for rent in Dubai Property for rent in Abu Dhabi Commercial properties for sale
© Copyright Dubai Prayer Time. All Rights Reserved
Designed by Prayer Time In Dubai