Surah An-Nisa Verse 25 - Divehi Translation by Office Of The President Of Maldives
Surah An-Nisaوَمَن لَّمۡ يَسۡتَطِعۡ مِنكُمۡ طَوۡلًا أَن يَنكِحَ ٱلۡمُحۡصَنَٰتِ ٱلۡمُؤۡمِنَٰتِ فَمِن مَّا مَلَكَتۡ أَيۡمَٰنُكُم مِّن فَتَيَٰتِكُمُ ٱلۡمُؤۡمِنَٰتِۚ وَٱللَّهُ أَعۡلَمُ بِإِيمَٰنِكُمۚ بَعۡضُكُم مِّنۢ بَعۡضٖۚ فَٱنكِحُوهُنَّ بِإِذۡنِ أَهۡلِهِنَّ وَءَاتُوهُنَّ أُجُورَهُنَّ بِٱلۡمَعۡرُوفِ مُحۡصَنَٰتٍ غَيۡرَ مُسَٰفِحَٰتٖ وَلَا مُتَّخِذَٰتِ أَخۡدَانٖۚ فَإِذَآ أُحۡصِنَّ فَإِنۡ أَتَيۡنَ بِفَٰحِشَةٖ فَعَلَيۡهِنَّ نِصۡفُ مَا عَلَى ٱلۡمُحۡصَنَٰتِ مِنَ ٱلۡعَذَابِۚ ذَٰلِكَ لِمَنۡ خَشِيَ ٱلۡعَنَتَ مِنكُمۡۚ وَأَن تَصۡبِرُواْ خَيۡرٞ لَّكُمۡۗ وَٱللَّهُ غَفُورٞ رَّحِيمٞ
إيمان ވެގެންތިބި މިނިވަން އަންހެނުންނާ ކާވެނިކުރުމަށް، ތިޔަބައިމީހުންގެ ތެރެއިން އަތްމަތި ތަނަވަސްކަމުގެ ގޮތުން ކުޅަދާނަނުވި މީހާ، ތިޔަބައިމީހުންގެ إيمان ވެގެންތިބި އަންހެންކުދިންކުރެ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުއަންހެނުންގެ ތެރެއިން މީހުންނާ، ކާވެނިކުރުން ހުށްޓެވެ. ތިޔަބައިމީހުންގެ إيمان ކަން ހުރިގޮތް اللَّه ދެނެވޮޑިގަތުން ބޮޑެވެ. ތިޔަބައިމީހުންގެ އެއްބަޔަކުވަނީ އަނެއްބަޔެއްގެ ތެރެއިންނެވެ. (އެބަހީ: دين ގެ ގޮތުން ތިޔަބައިމީހުންނެކޭ، އެ އަޅުއަންހެނުންނެކޭ އެއްގޮތެވެ.) ފަހެ، އެކަނބަލުންގެ ސާހިބުންގެ إذن އާއެކު، އެކަނބަލުންނާ ތިޔަބައިމީހުން ކާވެނިކުރާށެވެ! އަދި، އެކަނބަލުންގެ ރަން، ހިތްހެޔޮކަމާއެކު ހެޔޮގޮތުގައި އެކަނބަލުންނަށް ދޭށެވެ! ކާވެނީގެ ރައްކާތެރިކަންލިބި، އެކަނބަލުން عفة ތެރިވެގެންވާ ގޮތުގައެވެ. ޒިނޭކުރާ ގޮތުގައެއް ނޫނެވެ. އަދި، ވަންހަނާގޮތުގައި ޒިނޭކުރާ އެކުވެރިން ގެންގުޅޭ ގޮތުގައެއްވެސް ނޫނެވެ. ފަހެ، އެކަނބަލުން ކާވެނިކުރުމަށްފަހު، ހުތުރުކަން ބޮޑުވެގެންވާ ފާފަޔެއް ގެނެސްގެންފިނަމަ، (އެބަހީ: ޒިނޭކޮށްފިނަމަ) މިނިވަން އަންހެނުންގެ މައްޗަށް އޮތް އަދަބުގެ ދެބައިކުޅަ އެއްބައި އެކަނބަލުންގެ މައްޗަށް ހުށްޓެވެ. އެކަން، (އެބަހީ: އަޅުއަންހެނުންނާ ކާވެނިކުރުން) އޮތީ ތިޔަބައިމީހުންގެ ތެރެއިން ޒިނޭކުރެވިދާނެކަމަށް ބިރުގެންފި މީހަކަށެވެ. ތިޔަބައިމީހުން ކެތްތެރިވުން، ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ