Surah Qaf - Divehi Translation by Office Of The President Of Maldives
قٓۚ وَٱلۡقُرۡءَانِ ٱلۡمَجِيدِ
ق (މި އަކުރުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) މާތްވެގެންވާ قرآن ގަންދެއްވައި وحى ކުރައްވަމެވެ. (ހަމަކަށަވަރުން، إنذار ކުރައްވާ ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ محمد ގެފާނު ފޮނުއްވީމެވެ)
Surah Qaf, Verse 1
بَلۡ عَجِبُوٓاْ أَن جَآءَهُم مُّنذِرٞ مِّنۡهُمۡ فَقَالَ ٱلۡكَٰفِرُونَ هَٰذَا شَيۡءٌ عَجِيبٌ
އަދި ކިއެއްތަ! إنذار ކުރައްވާ ބޭކަލަކު އެއުރެންގެ ތެރެއިން، އެއުރެންގެ ގާތަށް ވަޑައިގަތްކަމަށްޓަކައި، އެއުރެން حيران ވޫއެވެ. ފަހެ، كافر ން ބުނޫއެވެ. މިއީ عجائب ވާފަދަ ކަމެކެވެ
Surah Qaf, Verse 2
أَءِذَا مِتۡنَا وَكُنَّا تُرَابٗاۖ ذَٰلِكَ رَجۡعُۢ بَعِيدٞ
(ތިމަންމެން އަލުން ދިރުމަކަށް رجوع ވާހުށީ) ތިމަންމެން މަރުވެ ވެއްޔަށްވީމާ ހެއްޔެވެ؟ އެއީ ވަރަށްވެސް ދުރު رجوع ވުމެކެވެ
Surah Qaf, Verse 3
قَدۡ عَلِمۡنَا مَا تَنقُصُ ٱلۡأَرۡضُ مِنۡهُمۡۖ وَعِندَنَا كِتَٰبٌ حَفِيظُۢ
ހަމަކަށަވަރުން، ބިންގަނޑު އެއުރެންގެ ހަށިތަކުން އުނިކުރާ އެއްޗެއް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި ތިމަންރަސްކަލާނގެ حضرة ގައި (ހުރިހާ އެއްޗެއް) ރައްކާކުރާ ފޮތެއްވެއެވެ
Surah Qaf, Verse 4
بَلۡ كَذَّبُواْ بِٱلۡحَقِّ لَمَّا جَآءَهُمۡ فَهُمۡ فِيٓ أَمۡرٖ مَّرِيجٍ
އަދި ކިއެއްތަ! އެއުރެންގެ ގާތަށް حق އައިހިނދު، އެއުރެން އެ ދޮގުކުރޫއެވެ. ފަހެ، އެއުރެންވަނީ، ހަމަޖެހުމެއްނެތް حالة އެއްގެ ތެރޭގައެވެ
Surah Qaf, Verse 5
أَفَلَمۡ يَنظُرُوٓاْ إِلَى ٱلسَّمَآءِ فَوۡقَهُمۡ كَيۡفَ بَنَيۡنَٰهَا وَزَيَّنَّـٰهَا وَمَا لَهَا مِن فُرُوجٖ
ފަހެ، އެއުރެންނާ ދިމާ މަތީގައިވާ އުޑު، ތިމަންރަސްކަލާނގެ ހައްދަވައި، އެ އުޑު ޒީނަތްތެރި ކުރައްވާފައިވަނީ ކޮންފަދައަކުންކަން އެއުރެން ނުބަލަނީ ހެއްޔެވެ؟ އަދި އެ އުޑު ފަޅަފަޅައިގެން ގޮސްފައެއްވެސް ނުވެއެވެ
Surah Qaf, Verse 6
وَٱلۡأَرۡضَ مَدَدۡنَٰهَا وَأَلۡقَيۡنَا فِيهَا رَوَٰسِيَ وَأَنۢبَتۡنَا فِيهَا مِن كُلِّ زَوۡجِۭ بَهِيجٖ
އަދި ތިމަންރަސްކަލާނގެ ބިން ފަތުރުއްވައި، އެ ބިމުގައި ސާބިތުވެގެންވާ ފަރުބަދަތައް ލެއްވީމެވެ. އަދި އެ ބިމުގައި ހިތްއުފާކުރުވަނިވި ހުރިހާ ބާވަތެއްގެ ގަސް ފެޅުއްވީމެވެ
Surah Qaf, Verse 7
تَبۡصِرَةٗ وَذِكۡرَىٰ لِكُلِّ عَبۡدٖ مُّنِيبٖ
(އެއީ ތިމަންރަސްކަލާނގެއަށް) توبة ވާ ކޮންމެ އަޅަކަށް عبرة އެއް ކަމުގައްޔާއި، ހަނދާންކޮށްދިނުމެއް ކަމުގައެވެ
Surah Qaf, Verse 8
وَنَزَّلۡنَا مِنَ ٱلسَّمَآءِ مَآءٗ مُّبَٰرَكٗا فَأَنۢبَتۡنَا بِهِۦ جَنَّـٰتٖ وَحَبَّ ٱلۡحَصِيدِ
އަދި ތިމަންރަސްކަލާނގެ އުޑުން بركات ތެރި ފެނެއް ވެއްސެވީމެވެ. އަދި އެއިން ބަގީޗާތަކާއި، ކަނޑައި ރައްކާކުރެވޭ ގޮވާމުގެ އޮށްޓަރު ފެޅުއްވީމެވެ
Surah Qaf, Verse 9
وَٱلنَّخۡلَ بَاسِقَٰتٖ لَّهَا طَلۡعٞ نَّضِيدٞ
އަދި މަތިމައްޗަށްހުރި އެތްތައް ނުކުމެފައިވާ ދިގު ކަދުރުރުއްތައްވެސް (ފެޅުއްވީމެވެ)
Surah Qaf, Verse 10
رِّزۡقٗا لِّلۡعِبَادِۖ وَأَحۡيَيۡنَا بِهِۦ بَلۡدَةٗ مَّيۡتٗاۚ كَذَٰلِكَ ٱلۡخُرُوجُ
(އެއީ) އަޅުތަކުންނަށް ރޯއްޖެއް ކަމުގައެވެ. އަދި މަރުވެފައިވާ ރަށެއް އެ ފެނުން، ތިމަންރަސްކަލާނގެ ދިރުއްވީމެވެ. (ކަށްވަޅުތަކުން) ނުކުތުންވެސް ވަނީ އެފަދައިންނެވެ
Surah Qaf, Verse 11
كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٖ وَأَصۡحَٰبُ ٱلرَّسِّ وَثَمُودُ
އެއުރެންގެ ކުރީގައި، نوح ގެފާނުގެ قوم ގެމީހުންނާއި، رسّ ގެ އެކުވެރިންނާއި، ثمود ބާގައިމީހުން (رسول ން) ދޮގުކުރޫއެވެ
Surah Qaf, Verse 12
وَعَادٞ وَفِرۡعَوۡنُ وَإِخۡوَٰنُ لُوطٖ
އަދި عاد ބާގައިމީހުންނާއި، فرعون އާއި لوط ގެފާނުގެ إخوان ންވެސް (ދޮގުކުރޫއެވެ)
Surah Qaf, Verse 13
وَأَصۡحَٰبُ ٱلۡأَيۡكَةِ وَقَوۡمُ تُبَّعٖۚ كُلّٞ كَذَّبَ ٱلرُّسُلَ فَحَقَّ وَعِيدِ
އަދި الأيكة ގެ އެކުވެރިންނާއި، تُبّع ގެ قوم ގެމީހުންނާއި، އެހުރިހާ އެންމެންވެސް رسول ން ދޮގުކުރޫއެވެ. ތިމަންރަސްކަލާނގެ وعيد (އެއުރެންނަށް) حق ވެއްޖެއެވެ
Surah Qaf, Verse 14
أَفَعَيِينَا بِٱلۡخَلۡقِ ٱلۡأَوَّلِۚ بَلۡ هُمۡ فِي لَبۡسٖ مِّنۡ خَلۡقٖ جَدِيدٖ
ފަހެ، ފުރަތަމަފަހަރު އުފެއްދެވުމަށް، ތިމަންރަސްކަލާނގެ ނުކުޅެދިވޮޑިގެން ވީންހެއްޔެވެ؟ (ވީމާ، ދެވަނަފަހަރަށް އަލުން إعادة ކުރެއްވުމަށް ނުކުޅެދިވޮޑިގެން ވާނެހެއްޔެވެ؟) އަދި ކިއެއްތަ! އެއުރެންވަނީ އަލުން ހެއްދެވުމާމެދު شك އެއްގައެވެ
Surah Qaf, Verse 15
وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ وَنَعۡلَمُ مَا تُوَسۡوِسُ بِهِۦ نَفۡسُهُۥۖ وَنَحۡنُ أَقۡرَبُ إِلَيۡهِ مِنۡ حَبۡلِ ٱلۡوَرِيدِ
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ نفس އޭނާޔަށް ވަސްވާސްދޭ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަންރަސްކަލާނގެ އޭނާޔާ ކުއްތަންވެވޮޑިގަތުން ބޮޑެވެ
Surah Qaf, Verse 16
إِذۡ يَتَلَقَّى ٱلۡمُتَلَقِّيَانِ عَنِ ٱلۡيَمِينِ وَعَنِ ٱلشِّمَالِ قَعِيدٞ
(އެއީ އޭނާގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ތިއްބަވާ ދެ ملائكة ން (އޭނާ ކުރާ ކަންތަކާއި، ބުނާ ބަސްތައް) ލިޔުއްވާހިނދުގައެވެ
Surah Qaf, Verse 17
مَّا يَلۡفِظُ مِن قَوۡلٍ إِلَّا لَدَيۡهِ رَقِيبٌ عَتِيدٞ
(ކުރާ عمل ތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضر ވެ ملائكة އަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ
Surah Qaf, Verse 18
وَجَآءَتۡ سَكۡرَةُ ٱلۡمَوۡتِ بِٱلۡحَقِّۖ ذَٰلِكَ مَا كُنتَ مِنۡهُ تَحِيدُ
އަދި މަރުގެ ސަކަރާތް حق ގޮތުގައި އަންނަހުށްޓެވެ. އެއީ ތިބާ އެޔަށް ފިލަންއުޅޭ ކަމުގައިވީ މަރެވެ
Surah Qaf, Verse 19
وَنُفِخَ فِي ٱلصُّورِۚ ذَٰلِكَ يَوۡمُ ٱلۡوَعِيدِ
(އަލުން ދިރުއްވުމަށް) ތާޅަފިލި ފުމެލައްވާނެތެވެ. އެއީ (كافر ންނަށް عذاب ގެ) وعيد އަންނަ ދުވަހެވެ
Surah Qaf, Verse 20
وَجَآءَتۡ كُلُّ نَفۡسٖ مَّعَهَا سَآئِقٞ وَشَهِيدٞ
އަދި (އެދުވަހު) ކޮންމެ نفس އެއް (محشر ބިމަށް) އަންނަހުށީ، އޭނާޔާ އެކުގައި ލަވައި ގެންދާނޭ ملائكة އަކާއި، ހެތްކަކުވާ حال ގައެވެ
Surah Qaf, Verse 21
لَّقَدۡ كُنتَ فِي غَفۡلَةٖ مِّنۡ هَٰذَا فَكَشَفۡنَا عَنكَ غِطَآءَكَ فَبَصَرُكَ ٱلۡيَوۡمَ حَدِيدٞ
ހަމަކަށަވަރުން، ތިބާ މިކަންތަކާމެދު غافل ކަމެއްގައިވީމުއެވެ. ފަހެ، ތިމަންރަސްކަލާނގެ ތިބާގެ ކިބައިން غافل ކަމުގެ ފަރުދާ كشف ކުރެއްވީމެވެ. ފަހެ، މިއަދު ތިބާގެ ލޮލަކީ ތޫނު ލޮލެކެވެ
Surah Qaf, Verse 22
وَقَالَ قَرِينُهُۥ هَٰذَا مَا لَدَيَّ عَتِيدٌ
އަދި އޭނާޔާ حوال ވެފައިވާ ملائكة އާ ވިދާޅުވާނެތެވެ. އަހުރެންނާއެކު حاضر ކުރައްވާފައިވަނީ އޭނާގެ عمل ތަކުގެ ފަތެވެ
Surah Qaf, Verse 23
أَلۡقِيَا فِي جَهَنَّمَ كُلَّ كَفَّارٍ عَنِيدٖ
(އެ ދެ ملائكة ންނަށް އަންގަވާނެތެވެ.) حق އާދެކޮޅުހަދާ، ގޮތްދޫނުކުރާ ކޮންމެ كافر އަކު ނަރަކަޔަށް އެއްލަވާށެވެ
Surah Qaf, Verse 24
مَّنَّاعٖ لِّلۡخَيۡرِ مُعۡتَدٖ مُّرِيبٍ
(އެއީ) ހެޔޮކަންތައް މަނާކުރުން ގިނަަ އަނިޔާވެރި، ދީނާމެދު شك ކުރާ ކޮންމެ މީހެކެވެ
Surah Qaf, Verse 25
ٱلَّذِي جَعَلَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَأَلۡقِيَاهُ فِي ٱلۡعَذَابِ ٱلشَّدِيدِ
އެއީ اللَّه އާއެކު އެހެން إله އަކު شريك ކުރި މީހާއެވެ. ފަހެ، ތިޔަ ދެ ملائكة ން، އޭނާ ގަދަފަދަ عذاب ގެ ތެރެޔަށް އެއްލަވާށެވެ
Surah Qaf, Verse 26
۞قَالَ قَرِينُهُۥ رَبَّنَا مَآ أَطۡغَيۡتُهُۥ وَلَٰكِن كَانَ فِي ضَلَٰلِۭ بَعِيدٖ
އޭނާޔާ އެކުގައިވާ شيطان އާ ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އޭނާ މަގުފުރެއްދީ ތިމަންނައެއް ނޫނެވެ. އެހެނެއްކަމަކު، އޭނާވީ ދުރުވެގެންވާ މަގުފުރެދުމެއްގައެވެ
Surah Qaf, Verse 27
قَالَ لَا تَخۡتَصِمُواْ لَدَيَّ وَقَدۡ قَدَّمۡتُ إِلَيۡكُم بِٱلۡوَعِيدِ
އެކަލާނގެ وحى ކުރައްވާނެތެވެ. ތިމަންރަސްކަލާނގެ حضرة ގައި ތިޔަބައިމީހުން ދެބަސްވެ އަރާރުން ނުވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ތިޔަބައިމީހުންނަށް عذاب ގެ وعيد ވަނީ އިސްކުރައްވާފައެވެ
Surah Qaf, Verse 28
مَا يُبَدَّلُ ٱلۡقَوۡلُ لَدَيَّ وَمَآ أَنَا۠ بِظَلَّـٰمٖ لِّلۡعَبِيدِ
ތިމަންރަސްކަލާނގެ حضرة ގައި وعيد ގެ ބަސްފުޅު ބަދަލުވުމެއްނެތެވެ. އަދި ތިމަންރަސްކަލާނގެއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ
Surah Qaf, Verse 29
يَوۡمَ نَقُولُ لِجَهَنَّمَ هَلِ ٱمۡتَلَأۡتِ وَتَقُولُ هَلۡ مِن مَّزِيدٖ
އެދުވަހަކީ، ތިމަންރަސްކަލާނގެ، ނަރަކަޔަށް، ކަލޭ ފުރިއްޖެހޭ وحى ކުރައްވާނޭ ދުވަހެވެ. އަދި އެ ނަރަކަ، ދެން އިތުރަކަށް ނެތްތޯއޭ ދަންނަވާނޭ ދުވަހެވެ
Surah Qaf, Verse 30
وَأُزۡلِفَتِ ٱلۡجَنَّةُ لِلۡمُتَّقِينَ غَيۡرَ بَعِيدٍ
އަދި تقوى ވެރިންނަށް ސުވަރުގެ، ދުރުނޫން ހިސާބަކަށް ކައިރި ކުރައްވާނެތެވެ
Surah Qaf, Verse 31
هَٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٖ
(އަދި އަންގަވާނެތެވެ.) މިއީ ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކެވެ. (އެކަންއޮތީ) اللَّه ގެ حضرة އަށް ގިނަގިނައިން رجوع ވާ، އަދި އެކަލާނގެ عهد ތަކަށް ރައްކާތެރިވާ ކޮންމެ މީހަކަށެވެ
Surah Qaf, Verse 32
مَّنۡ خَشِيَ ٱلرَّحۡمَٰنَ بِٱلۡغَيۡبِ وَجَآءَ بِقَلۡبٖ مُّنِيبٍ
(އެއީ) رحمن ވަންތަ ރަސްކަލާނގެއަށް غيب ގައި ބިރުވެތިވެ، އަދި އެކަލާނގެ حضرة އަށް توبة ވާ ހިތަކާއިގެން އައި (ކޮންމެ) މީހެކެވެ
Surah Qaf, Verse 33
ٱدۡخُلُوهَا بِسَلَٰمٖۖ ذَٰلِكَ يَوۡمُ ٱلۡخُلُودِ
(تقوى ވެރިންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން أمان ކަމާއެކު އެ ސުވަރުގެޔަށް ވަންނާށެވެ! އެއީ އަބަދަށް ދެމިތިބުމުގެ ދުވަހެވެ
Surah Qaf, Verse 34
لَهُم مَّا يَشَآءُونَ فِيهَا وَلَدَيۡنَا مَزِيدٞ
އެ ސުވަރުގޭގައި އެއުރެންނަށް އެއުރެން އެދޭހާ ކަމެއްވެއެވެ. އަދި ތިމަންރަސްކަލާނގެ حضرة ގައި އިތުރު نعمة ތައްވެސް ވެއެވެ
Surah Qaf, Verse 35
وَكَمۡ أَهۡلَكۡنَا قَبۡلَهُم مِّن قَرۡنٍ هُمۡ أَشَدُّ مِنۡهُم بَطۡشٗا فَنَقَّبُواْ فِي ٱلۡبِلَٰدِ هَلۡ مِن مَّحِيصٍ
އަދި އެއުރެންގެ ކުރިން، ތިމަންރަސްކަލާނގެ ކިތައްކިތައް أمّة ހަލާކުކުރެއްވިން ހެއްޔެވެ؟ އެއުރެންނަށްވުރެ، އެ އިހުގެ މީހުން ބާރުގެ ގޮތުން މާގަދަފަދައެވެ. ފަހެ، އެއުރެން ރަށްތަކަށް ދަތުރުކޮށް ހޯދައި ބެލިއެވެ. އެއުރެންނަށް ފިލަންދާނެތަނެއް ފެނުނުހެއްޔެވެ؟
Surah Qaf, Verse 36
إِنَّ فِي ذَٰلِكَ لَذِكۡرَىٰ لِمَن كَانَ لَهُۥ قَلۡبٌ أَوۡ أَلۡقَى ٱلسَّمۡعَ وَهُوَ شَهِيدٞ
ހަމަކަށަވަރުން، ހިތެއްވާ މީހަކަށް، ނުވަތަ حاضر ވެހުރެ ކަނުލައި އަހާމީހަކަށް، އެކަމުގައި نصيحة އާއި عبرة ވާކަން ކަށަވަރެވެ
Surah Qaf, Verse 37
وَلَقَدۡ خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا فِي سِتَّةِ أَيَّامٖ وَمَا مَسَّنَا مِن لُّغُوبٖ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތި ހަދުވަހުގެ ތެރޭގައި ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެއަށް ވަރުބަލިކަމެއް ލިބިވޮޑިއެއް ނުގަންނަވަތެވެ
Surah Qaf, Verse 38
فَٱصۡبِرۡ عَلَىٰ مَا يَقُولُونَ وَسَبِّحۡ بِحَمۡدِ رَبِّكَ قَبۡلَ طُلُوعِ ٱلشَّمۡسِ وَقَبۡلَ ٱلۡغُرُوبِ
ފަހެ، އެއުރެން ދައްކާ ވާހަކަތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި އިރު އެރުމުގެ ކުރީގައްޔާއި، އޮސްފުހުމުގެ ކުރީގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، حمد އާއެކު تسبيح ވިދާޅުވެ، ނަމާދު ކުރައްވާށެވެ
Surah Qaf, Verse 39
وَمِنَ ٱلَّيۡلِ فَسَبِّحۡهُ وَأَدۡبَٰرَ ٱلسُّجُودِ
އަދި ރޭގަނޑުގައި އެކަލާނގެއަށް تسبيح ވިދާޅުވެ، ނަމާދު ކުރައްވާށެވެ! އަދި ނަމާދުތަކުގެ ފަހުގައި، تسبيح ވިދާޅުވާށެވެ
Surah Qaf, Verse 40
وَٱسۡتَمِعۡ يَوۡمَ يُنَادِ ٱلۡمُنَادِ مِن مَّكَانٖ قَرِيبٖ
އަދި ކައިރިތަނަކުން ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވާ ދުވަހު (ރަނގަޅަށް) އަޑުއަހާށެވެ
Surah Qaf, Verse 41
يَوۡمَ يَسۡمَعُونَ ٱلصَّيۡحَةَ بِٱلۡحَقِّۚ ذَٰلِكَ يَوۡمُ ٱلۡخُرُوجِ
(އެއީ) އެއުރެންނަށް (އެބަހީ: خلق ތަކުންނަށް) حق ގޮތުގައި ގަދަފަދަ އަޑު އިވޭނޭ ދުވަހެވެ. (އެއީ ތާޅަފިލީގެ ދެވަނަ ފުމެލެއްވުމުގެ އަޑެވެ.) އެއީ (ކަށްވަޅުތަކުން އެންމެން) ނުކުތުމުގެ ދުވަހެވެ
Surah Qaf, Verse 42
إِنَّا نَحۡنُ نُحۡيِۦ وَنُمِيتُ وَإِلَيۡنَا ٱلۡمَصِيرُ
ހަމަކަށަވަރުން، ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ހަމަ ތިމަންރަސްކަލާނގެއެވެ. އަދި (އެންމެހާ ތަކެތި) رجوع ވުންވަނީ ތިމަންރަސްކަލާނގެ حضرة އަށެވެ
Surah Qaf, Verse 43
يَوۡمَ تَشَقَّقُ ٱلۡأَرۡضُ عَنۡهُمۡ سِرَاعٗاۚ ذَٰلِكَ حَشۡرٌ عَلَيۡنَا يَسِيرٞ
(އެއީ) އެއުރެންގެ މަތިން ބިންގަނޑު ފަޅަފަޅައިގެންގޮސް އަވަސްއަވަހަށް محشر ބިމަށް އެއުރެން ގެންދަވާ ދުވަހެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ އެއްކުރެއްވުމެކެވެ
Surah Qaf, Verse 44
نَّحۡنُ أَعۡلَمُ بِمَا يَقُولُونَۖ وَمَآ أَنتَ عَلَيۡهِم بِجَبَّارٖۖ فَذَكِّرۡ بِٱلۡقُرۡءَانِ مَن يَخَافُ وَعِيدِ
އެއުރެން (އެބަހީ: كافر ން) ބުނެއުޅޭ ބަސްތައް، ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ. އަދި ކަލޭގެފާނަކީ އެއުރެންގެ މައްޗަށް ގަދަކަން ދެއްކެވުމަށް ފޮނުއްވާފައިވާ ބޭކަލެއް ނޫނެވެ. ފަހެ، ތިމަންރަސްކަލާނގެ وعيد އަށް ބިރުގަންނަ މީހަކަށް، ކަލޭގެފާނު قرآن ން وعظ އާއި نصيحة އިއްވަވާށެވެ
Surah Qaf, Verse 45