Surah Al-Ahzab Verse 50 - Divehi Translation by Office Of The President Of Maldives
Surah Al-Ahzabيَـٰٓأَيُّهَا ٱلنَّبِيُّ إِنَّآ أَحۡلَلۡنَا لَكَ أَزۡوَٰجَكَ ٱلَّـٰتِيٓ ءَاتَيۡتَ أُجُورَهُنَّ وَمَا مَلَكَتۡ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيۡكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّـٰتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَٰلَٰتِكَ ٱلَّـٰتِي هَاجَرۡنَ مَعَكَ وَٱمۡرَأَةٗ مُّؤۡمِنَةً إِن وَهَبَتۡ نَفۡسَهَا لِلنَّبِيِّ إِنۡ أَرَادَ ٱلنَّبِيُّ أَن يَسۡتَنكِحَهَا خَالِصَةٗ لَّكَ مِن دُونِ ٱلۡمُؤۡمِنِينَۗ قَدۡ عَلِمۡنَا مَا فَرَضۡنَا عَلَيۡهِمۡ فِيٓ أَزۡوَٰجِهِمۡ وَمَا مَلَكَتۡ أَيۡمَٰنُهُمۡ لِكَيۡلَا يَكُونَ عَلَيۡكَ حَرَجٞۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا
އޭ ނަބިއްޔާއެވެ! ކަލޭގެފާނު އެކަނބަލުންގެ ރަން ދެއްވާފައިވާ އަނބިއަނބިކަނބަލުންނާއި، ހަނގުރާމައިގެ غنيمة ގެ ގޮތުގައި ކަލޭގެފާނަށް اللَّه ދެއްވި ތަކެތީގެ ތެރެއިން، ކަލޭގެފާނަށް މިލްކުވެއްޖެ އަޅު އަންހެނުންނާއި، އެކަނބަލުން ކަލޭގެފާނާއެކު هجرة ކުރެއްވި ކަލޭގެފާނުގެ ބަފައިފުށުގެ ބޮޑުބޭބެއިންގެ އަންހެން ދަރިންނާއި، ބަފައިފުށުގެ ބޮޑުދައިތައިންގެ އަންހެން ދަރިންނާއި، ކަލޭގެފާނުގެ މައިފުށުގެ ބޮޑުބޭބެއިންގެ އަންހެން ދަރިންނާއި، މައިފުށުގެ ބޮޑުދައިތައިންގެ އަންހެން ދަރިން، ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ ކަލޭގެފާނަށް ހުއްދަކޮށް حلال ކުރެއްވީމެވެ. އަދި مؤمن އަންހެނަކު އެމީހެއްގެ އަމިއްލަ نفس ނަބިއްޔާއަށް هبة ކޮށްދީ، އަދި ނަބިއްޔާ އެމީހަކާ ކާވެނި ކުރެއްވުމަށް قصد ކުރައްވައިފިނަމަ، އެމީހަކާ ކާވެނި ކުރެއްވުންވެސް ހުއްދަ ކުރެއްވީމެވެ. އެހެން مؤمن ން ފިޔަވައި، އެމީހަކު ކަލޭގެފާނަށް خاص ވެގެންވާ ގޮތުގައެވެ. އެއުރެންގެ އަނބިންނާ މެދުގައްޔާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންނާމެދު، ތިމަންރަސްކަލާނގެ އެއުރެންނަށް ކަނޑައަޅުއްވާފައިވާގޮތް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އެއީ ކަލޭގެފާނުގެ މައްޗަށް ދަތިކަމެއް ނުވުމަށްޓަކައެވެ. ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. (ނޯޓު: އަންހެނަކު އެމީހެއްގެ نفس ހިބަކޮށްދީފިނަމަ، ރަނަކާ ނުލައި ކާވެނިކުރުން ހުއްދަވެގެންވީ ހަމައެކަނި ކީރިތި رسول އާއަށެވެ)